Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ބްލެކް ޕެންތާ" ގެ އެނިމޭޓެޑް ސީރީޒެއް ހަދަނީ

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ހޯދި ކަމަށް ސުޕަހީރޯ ފްރެންޗައިޒް "ބްލެކް ޕެންތާ" އަށް ބިނާކޮށް އެނިމޭޓެޑް ސީރީޒެއް ހަދަން ނިންމާފައިވާކަން މާވެލް ސްޓޫޑިއޯ އިން އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކުރީ އެތަނުން މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ އެނިމޭޓެޑް ސީރީޒް "ވަޓް އިފް…؟" ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ލޯންޗްކުރަން އިއްޔެ ބޭއްވި އިވެންޓްގަ އެވެ. އެ އިވެންޓްގައި އިއުލާންކުރި ގޮތުގައި "ބްލެކް ޕެންތާ" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ސީރީޒްގެ ނަމަކީ "އައިސް އޮފް ވެކަންޑާ" އެވެ.

ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

ވެރައިޓީން ބުނީ "ބްލެކް ޕެންތާ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ރަޔަން ކޫގްލާ މިހާރު އަންނަނީ އެ ފްރެންޗައިޒްގައި ދައްކުވައި ދިން ހިޔާލީ ގައުމު ވެކަންޑާގެ ގިނަ ވާހަކަތަކެއް ކިޔައިދޭ ގޮތަށް މަލްޓިވާސް ސީރީޒްތަކެއް ޑިވެލޮޕްކުރަމުންނެވެ.

ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބްލެކް ޕެންތާ" 2018 ގައި ގެނެސްދިން އިރު، އެ ފިލްމަށް ބޮކްސް އޮފީހުގައި 1.349 ބިލިއަން ޑޮލަރު ލިބުނެވެ. އޭގެ ދެވަނަ ބައި "ބްލެކް ޕެންތާ" ވެކަންޑާ ފޯ އެވާ" ގެނެސްދިނީ މިދިޔަ އަހަރު އެވެ. ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަނީ 859.2 މިލިއަން ޑޮލަރެވެ.

މާވެލް ސްޓޫޑިއޯސް ގެނެސްދޭން ރާވާފައިވާ ހުރި އެނިމޭޓެޑް ސީރީޒްތަކުގެ ތެރޭގައި "އެކްސް-މެން 97" އާއި "ޔޯ ފްރެންޑްލީ ނޭބަހުޑް ސްޕައިޑަ-މޭން" ހިމެނެ އެވެ.