Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފަރަށް އެރި ބޯޓަކުން މީހުން ސަލާމަތްކޮށްފި

މާލެ އިން ފުރައިގެން 58 މީހުންނާ އެކީ ކުޅުދުއްފުއްޓަށް ދަތުރުކުރަނިކޮށް ފަރަށް އެރި ބޯޓްގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ރޭ މެންދަމު ފަރަށް އެރީ "ބަހާދަރު" ބޯޓް ކަމަށެވެ. ބޯޓުގެ 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެ ބޯޓް ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ މެންމަދު 2:30 ހާއިރު އެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ބޯޓް އޮތް ސަރަހައްދަށް ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އެގޮތުން ފަތިހު ބޯޓު އޮތް ސަރަހައްދަށް ގޮސް، ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން ހާބަ ކްރާފްޓަށް ނަގައިގެން ހެނދުނު 6:08 ހާއިރު އެ މީހުން ށ. ކޮމަންޑު އަށް ގެންގޮސް ދީފައިވެ އެވެ.

އަދި ބޯޓްގައި ދެން ތިބި މީހުން، "ފްލައިން ފިޝް 17" ނަކަމަށް ކިޔާ ދޯންޏެއްގައި ކުޅުދުއްފުއްޓަށް ގެންގޮސް ދީފައިވެ އެވެ.

"ބަހާދަރު" ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.