ތެލެގޫ ދެ ފިލްމަކަށް ސޮއިކޮށްފައިވާ ބޮލީވުޑްގެ ތަރި ބޮބީ ޑިއޯލް ތަމަޅަ ފިލްމަކަށް ވެސް ސޮއިކޮށްފި އެވެ.
މިކަން ކަށަވަރުކޮށް ދެމުން 54 އަހަރުގެ އެކްޓަރު ބުނީ އެއީ މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާ ލީޑް ބަތަލުގެ ރޯލު ކުޅޭ ޕީރިއަޑް އެކްޝަން ފިލްމު "ކަންގްވާ" ކަމަށެވެ. ސިވާ ޑައިރެކްޓްކުރާ މި ފިލްމުގައި ބޮބީ ކުޅެނީ ޗިއްނާ ކިޔާ ކެރެކްޓާއެކެވެ.
މި ރޯލާ ބެހޭ ގޮތުން "އިންޑިއާ ޓުޑޭ" އަށް ދިން އިންޓަވިއުއެއްގައި ބޮބީ ބުނީ އެ ރޯލަކީ މިހާތަނަށް އޭނަ ކުޅޭ އެންމެ އުނދަގޫ ރޯލަށް ވާނެ ކަމަށެވެ. އަދި އެންމެ ބޮޑު ގޮންޖެހުމަކީ ތަމަޅަ ބަސް ނޭނގޭ މީހަކަށްވެފައި، ރޯލަށް ތައްޔާރުވާން ދެ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ތަމަޅަ ދަސްކުރަން މަސައްކަތް ކުރަން ޖެހުން ކަމަށް ބުންޏެވެ.
"އެކަމަކު އަހަރެންގެ މެކްސިމަމް ދޭނަން. މިއީ ފުދޭ ވަރެއްގެ އުނދަގޫ ރޯލެއް، އުނދަގޫ މަސައްކަތެއް." އޭނަ ބުންޏެވެ.
ބޮބީ ބުނި ގޮތުތުގައި "ކަންގްވާ" އިން ލިބުނު ފުރުސަތުގެ ބޭނުން ހިފަން އެންމެ ބޮޑަށް ބޭނުންވި ސަބަބަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ސޫރިއާއާ އެކީ މަސައްކަތްކުރަން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުން ނުވުމެވެ.
"އޭނަ އަކީ ވަރަށް މޮޅު އެކްޓަރެއް. ވަރަށް އުފާކުރަން އެކީގައި މަސައްކަތް ކުރަން ފުރުސަތެއް ލިބުނީތީ." މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ކޮއްކޮ ބުންޏެވެ.
ޖުމްލަ 350 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާ "ކަންގްވާ" ގެ ކާސްޓްގައި ޑިޝާ ޕަޓާނީ، ޖިއްޝޫ ސެންގުޕްތާ، ނަތުރަންޖް ސުމަބްރަމާނިއަމް އަދި ޔޯގީ ބާބޫ ފަދަ ތަރިން ހިމެނެ އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަންކުރަމުން އަންނަ ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ވަރުގަދަ ރޯލެއް ކުޅެފައިވާ ބޮބީ ސޮއިކޮށްފައިވާ ތެލެގޫ ފިލްމުތަކަކީ ޕަވަން ކަލިއަންގެ "ހަރީ ހަރާ ވީރާ މައްލޫ" އާއި ނަންދަމުރީ ބާލަކްރިޝްނަންގެ އަދި ރަސްމީކޮށް ނަން އިއުލާން ނުކުރާ ފިލްމެކެވެ.
ބޮބީ އަކީ 90 ގެ ތެރޭގައި ބޮލީވުޑްއި ވަރަށް ވިދި އެކްޓަރެކެވެ.