Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

ފަރަށް އެރި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި

ފުވައްމުލަށް ފަރަށް އަރާފައިވާ ބާޖު

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ހެދި ވަގުތީ ޖެޓީއަށް، ހިލަ ހިފައިގެން ރާއްޖެ އައި "އޮލިމްޕިކް ކަންޑިލޯ" ބާޖުން ހިލަ ބާލަން ކައިރި ކުރުމުގެ ތެރޭގައި އެ ރަށުގެ ފަރަށް އުރި އެ ބާޖުގައި ހުރި ބޮޑު ހިލަތައް ފަރު މައްޗަށް ބަންޑުންވި މައްސަލާގައި 100 މިލިޔަން ރުފިޔާއިން ބާޖުގެ ވެރި ފަރާތް ޖޫރިމަނާ ކޮށްފި އެވެ.

މި ބާޖުގެ ވެރި ފަރާތަކީ ސިންގަޕޫރުގެ އެފްރީސިއަން ޕްރައިވެޓް ލިމިޓެޑެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ މި ހާދިސާއާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރުމަށް ކުރިއަށް ގެންގޮސްފައިވާ ސާރވޭއިން ފުވައްމުލަކު ފަރުގެ 4306 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމާއި، ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ވަނީ ދެނެގަނެވިފައިވާ ކަމަށެވެ.

ފުވައްމުލަކުގެ ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162,745,500ރ އެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100,000,000ރ. އެވެ. މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ ބާޖުގެ ވެރި ފަރާތަށް އަންގާފަ އެވެ.

އީޕީއޭ އިން ވަނީ ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުޙަލާ ނިމުމުން އެޓާރނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފަ އެވެ.