Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ސަލަފުގެ ކަންބޮޑުވުންތައް އިސްލާމިކް މިނިސްޓަރަށް

ރާއްޖޭގެ މަޝްހޫރު ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފާ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ބައްދަލުކުރައްވައިފި އެވެ.

އިއްޔެ މި ބައްދަލުކުރެއްވުން އޮތީ އިސްލާމިކް މިނިސްޓްރީގަ އެވެ. ސަލަފުގެ އިސްވެރިން ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި ޝަހީމާ އެކީ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ބައިވެރިވަޑައިގެންނެވި އެވެ. މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ސަލަފުގެ އެދުމަކަށް ބޭއްވުނު ބައްދަލުވުމުގައި ބިނާކުރަނިވި މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން އެ ބައްދަލުވުގެ މަގުސަދަކީ އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ހިއްސާކޮށް، މިނިސްޓްރީ އަށް އެއްބާރުލުންދީ މިނިސްޓްރީގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާ ކުރުން ކަމަށް ބުންޏެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ސަލަފަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން ވަރަށް ބޮޑަށް ތާއީދުކޮށް، މަސައްކަތްކުރި ޖަމިއްޔާއެކެވެ.

އިސްލާމީ ދައުވަތު ދިނުމާއި ދީނީ މައުލޫމާތު ފަތުރައި، ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ސަލަފު އުފެދުނީ 2006 ގަ އެވެ.

އިސްލާމިކް މިނިސްޓަރު ސަލަފު ޖަމިއްޔާއާ ބައްދަލުކުރެއްވި އިރު، އަންނަ އަހަރު ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވާން ދީނީ އިލްމުވެރިން ހޯދަން މިނިސްޓްރީން މި ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ.