މުހައްމަދު ނިޔާޒު (ޓެޑްރީ) ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އޭނަގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" ގެ ޓައިޓްލް ޕޯސްޓަރުތަކެއް ދައްކާލައި ފިލްމު ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެެވެ.
މި ފިލްމު ޕްރީމިއާކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 12 ގަ އެވެ.
ޝޫޓިން ނިންމައި މިހާރި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމަކީ ޓެޑްރީ، ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. "ލަސްވިޔަސް" އަކީ ޓެޑްރީ 1994 ގައި ގެނެސްދިން "ދެރިޔާ" އަށް ފަހު، ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ.
ދެހާސް ސަތާރައިގައި އިއުލާންކުރި "ލަސްވިޔަސް" ގެ ޝޫޓިން ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ މާޗް 11 ގަ އެވެ.
މީގެ ކާސްޓަށް ބަލާ އިރު މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު)، ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި މިދިޔަ އަހަރު މަރުވި ބަތަލާ ފައުޒިއްޔާ ހަސަން ފަދަ ތަރިން ހިމެނެ އެވެ.
"ލަސްވިޔަސް" އަކީ ބައްޔަކާ ހަނގުރާމަކުރާ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.