އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ފައިޓާ" ގެ ފުރަތަމަ ލަވަ މާދަމާ އާންމުންނަށް ދޫކޮށްލަން ނިންމައި، އޭގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެެ.
ވިދުން ގަދަ ސެޓެއްގައި ދެ ތަރިންގެ ވަރުގަދަ ނެށުންތަކެއް ފެނިގެންދާނެ މި ލަވައިގެ ނަމަކީ "ޝޭރު ކުލް ގައޭ" އެވެ. ވިޝާލް-ޝޭކަރު މިއުޒިކް ހަދާފައިވާ މި "ޕެޕީ" ލަވަ ކިޔާފައި ވަނީ ޝިލްޕާ ރާއޯ އާއި ބެނީ ދަޔާލް އެވެ. ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ބޮސްކޯ-ސީޒާ އެވެ.
އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލާ "ފައިޓާ" އަކީ އޭރިއަލް އެކްޝަން ތުރިލާއެކެވެ. ރިތިކާއި ދީޕިކާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ އެއްޗެކެވެ. އެ ދެ ތަރިންނާ އެކީ އަނިލް ކަޕޫރާއި ކަރަން ސިންގް ގްރޯވާގެ އިތުރުން އަކްޝޭ އޮބެރޯއީ ވެސް ފެންނާނެ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޕައިލެޓުންނެވެ.
"ފައިޓާ" ގެ ފުރަތަމަ ލަވަ މާދަމާ ދައްކައިލަން ނިންމި އިރު، ފިލްމުގެ ޓީޒާ ވަނީ މި މަހުގެ 8 ގައި ދައްކާލައިފަ އެވެ.
މި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެކެވެ.