Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ރާއްޖެ އަށް އެހީވުމުގައި ދެމިތިބޭނަން: އުރީދޫ

ރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫ ދެމި އޮންނާނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު، ޝައިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ ވިދާޅުވެއްޖެ އެވެ.

އުރީދޫގެ އިސްވެރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިއްޔެ ބައްދަލުކުރައްވާފައިވާއިރު އެ ބައްދަލުވުމުގައި އުރީދޫއިން ރާއްޖޭގައި މިހާރު ކުރަމުންދާ މަސައްކަތާއި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ކުރިއަށް އޮތްތާނގައި ކުރެވޭ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

އުރީދޫގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު، ޝައިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ ވިދާޅުވީ ރައީސް މުއިއްޒާއި ރާއްޖޭގެ އާ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ވިއުގަ ވަރުގަދަކުރުމަށް އެކި މުއައްސަސާތަކާއި ކުންފުނިތަކާއި އެކު ކުރެވެމުންދާ މަސައްކަތާއި ކުރިމަގު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ދެއްވި އަގުހުރި ވަގުތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތަކާއި، ޓެކްނޮލޮޖީގެ ތަފާތު ތަޖުރިބާގެ ބޭނުން ހިފައި، ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މުހިންމު ދައުރެއް އަދާކޮށް، އާ ޓެކްނޮލޮޖީތައް މާކެޓަށް ތައާރަފްކޮށް، ރައްޔިތުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހި ކޮށްދޭ އާ އީޖާދީ ޓެކްނޮލޮޖީތަކާއި ގުޅުވާލަދީފަ އެވެ. ރާއްޖޭގެ އާބާދީގެ 100 އިންސައްތަ 4ޖީ+ ނެޓްވޯކާ ގުޅިފައިވާއިރު، އުރީދޫ 5ޖީ ނެޓްވޯކް ވަނީ ގްރޭޓާ މާލެ ސަރަހައްދަށް ފުޅާކުރެވިފަ އެވެ.