Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ޔުކްރޭންގެ ހާލަތު ގާޒާއާ އެއްވަރުކުރަން ނޫޅޭ

ޔުކްރޭނުގައި ހިނގަމުންދާ ކަންކަން ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ކަންކަމާ އެއްވަރު ނުކުރެވޭނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވީ ޔުކްރޭނުގައި ރަޝިއާ އިން ހިންގަމުން އަންނަނީ ހާއްސަ މިލިޓަރީ އޮޕަރޭޝަނާއި ގާޒާގައި ހިނގަމުންދާ ކަންކަން ބަލައި ދިރާސާކުރުން ރަނގަޅު ކަމަށާއި އޭރުން ތަފާތު ފެންނާނެ ކަމަށެވެ. އެގޮތުން ގާޒާގައި ހިނގަމުންދާ ފަދަ ކަންތައްތަކެއް ޔުކްރޭނުގައި ހިނގަމުން ނުދާ ކަމަށް ޕުޓިން ވިދާޅުވި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ފަށައި ގާޒާ އަށް ހަމަލާތައް ދޭން ފެށިފަހުން ރަޝިއާ އިން އަންނަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ހައްގުގައި ވާހަކަދައްކަމުންނެވެ.

ހަނގުރާމަ އަށް ތިން މަސް ވެފައިވާއިރު އިޒްރޭލުން މިހާތަނަށް ވަނީ ގާޒާގެ 18،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފަ އެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ތަކުރާރުކޮށް އަންނަނީ ހަނގުރާމަ ހުއްޓާލާނީ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ކަމަށް ބުނަމުންނެވެ. ނަމަވެސް ހަނގުރާމަ އަށް ތިން މަސްވީއިރު ވެސް އިޒްރޭލަށް ހަނގުރާމައިގައި މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.