ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފި އެވެ.
މި އެވޯޑަށް މިފަހަރު ވާދަކުރާ ތިން ކުޅުންތެރިންނަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭގެ އިތުރުން މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑެވެ.
މި އެވޯޑަށް ކުޅުންތެރިން ޝޯޓްލިސްޓު ކުރުމުގައި ބަލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 19 އިން މި އަހަރުގެ އޮގަސްޓު 20 ގެ ނިޔަލަށް ކުޅުންތެރިން ދެއްކި ކުޅުމަށެވެ. ފީފާ އެވޯޑްގައި ވޯޓުލަނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ކޮންމެ ގައުމެއްގެ ނޫސްވެރިއެއްގެ އިތުރުން ފީފާ ރަސްމީ ވެބްސައިޓުގައި ރަޖިސްޓްރީވެފައިވާ ސަޕޯޓަރުންނަށެވެ.
މި އެވޯޑު މެސީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. މެސީ ވަނީ ފްރާންސް ފުޓްބޯލް އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ދާދިފަހުން 8 ވަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ކުޅުންތެރިން ކަމަށްވާ އައިޓާނާ ބޮންމަޓީ އާއި ސްޕެއިންގެ ޖެނީ ހާމޯސޯގެ އިތުރުން ރެއާލް މެޑްރިޑްގެ ލިންޑާ ކައިސޭޑޯ އެވެ.
މި ފަހަރު އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އާއި އިންޓަމިލާނުގެ ކޯޗު ސިމޯނޭ އިންޒާގީގެ އިތުރުން ނަޕޯލީ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ލޫސިއާނޯ ސްޕެލައްޓީ އެވެ.
ފީފާގެ ބެސްޓް އެވޯޑްސްގެ މި ފަހަރުގެ ހަފްލާ އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ލަންޑަނުގަ އެވެ.