Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

މެސީގެ ޖޯޒީތަކަށް 7 މިލިއަން ޑޮލަރު

ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބޭނުންކުރި ޖޯޒީތަކެއް 7.8 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

ނީލަމުގައި ވިއްކާލާފައިވަނީ ވޯލްޑް ކަޕްގައި އެކި މެޗުތަކުގައި މެސީ ބޭނުންކުރި ޖޯޒީތަކެވެ. އެ މެޗުތަކަކީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗަކާއި ދެވަނަ ބުރުގައި އޮސްޓްރޭލިއާ، ކުއާޓާފައިނަލްގައި ނެދަލެންޑްސް އާއި ސެމީފައިނަލްގައި ކްރޮއޭޝިއާ އަދި ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ޖޯޒީ އެވެ.

މިހާތަނަށް ނީލަމުގައި ވިއްކާލި އެންމެ އަގުބޮޑު ފުޓްބޯޅަ ޖޯޒީ އަކީ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ކޮޅަށް އަތުން ގޯލް ޖެހިއިރު ބޭނުންކުރި ޖޯޒީ އެވެ. އެ ޖޯޒީ މިދިޔަ އަހަރު ނީލަމުގައި ވިއްކާލީ 7.1 މިލިއަން ޕައުންޑަށެވެ.

ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގައި މެސީ ކުޅުނުއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދާފަ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދިއިރު އޭނާ ވަނީ މުބާރާތުގެ ހުރިހާ ސްޓޭޖެއްގައި ލަނޑު ޖަހައިފަ އެވެ. މިއާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި، ދެވަނަ ބުރުގެ އިތުރުން ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

ވޯލްޑް ކަޕް ހޯދުމުން މެސީ އަށް ވަނީ ދާދިފަހުން ފްރާންސް ފުޓްބޯލް އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު ވެސް ލިބިފަ އެވެ. މިއީ މި އެވޯޑު މެސީ ހޯދި 8 ވަނަ ފަހަރެވެ.