ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފިލްމީ ތަރި މުހައްމަދު ޔުނާން ޝަރުތުތަކާ އެކީ ދޫކޮށްލައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ 2017 ގައި ގެނެސްދިން ފިލްމު "ބޮސް" އިން ފިލްމީ ދާއިރާ އަށް ތައާރަފުރި ޔުނާން އާއި އޭނާގެ އަންހެނުން، ފާތިމަތު ރިހުލާ 2020 ގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ހައްޔަރުކޮށް، ދައުވާކުރީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި އެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދު ކުރިތާ ދެ އަހަރު ފަހުން މި އަހަރުގެ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ކުޑަކުއްޖަކާ ބެހުނު މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވާ އިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.

ޔުނާން ބަންދުން ދޫކުރަން ހުޅުމާލޭ ކޯޓުން އިއްޔެ ދު ޝަރުތުތަކަކާ އެކީގަ އެވެ. އޭގެ ތެރޭގައި ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި ކޯޓުގެ ހުއްދަ ނެތި އެއްވެސް ތާކަށް ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ހިމެނެ އެވެ
ޔުނާން ބަންދުން ދޫކުރި މައްސަލަ ދައުލަތިން އިސްތިއުނާފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.
"ބޮސް" އިން ހޯދި ސަމާލު ކަމަށް ފަހު ބައިސްކޯފުން ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" ގެ ރޯލެއް ވެސް ޔުނާން، 32، ކުޅެފައިވެ އެވެ. އޭގައި ރިހުލާ ވެސް ރޯލެއް ކުޅުނެވެ. އަދި ބައިސްކޯފުން ގެނެސްދިން ފިލްމު "ފަރީ" ގެ ރޯލަކުން ވެސް ޔުނާން ފެނިފައިވެ އެވެ.