އިޒްރޭލި މީހުން ރާއްޖެ އައުން ހުއްޓުވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލިގެ ޔަހޫދީން ފަލަސްތީނުގެ ނިކަމެތި މުސްލިމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުމުއާންމާ ގުޅިގެން، އިޒްރޭލަށް ރާއްޖެ އިން ދަތިކުރުމުގެ ގޮތުން އެތަނުގެ މީހުން ރާއްޖެ އައުން ހުއްޓުވައި ދޭން އެދި މަޖިލީހަށް ގަރާރު ވެސް ހުށަހަޅައިފަ އެވެ. އަދި އާންމުންގެ އެތައް ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް މަޖިލީހަށް ހުށަހަޅާފައިވެ އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެ އޮފީހުގެ އަންޑަ ސެކެޓްރީ ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށެވެ.
"އިޒްރޭލްގެ ޕާސްޕޯޓާ ގުޅޭ ގޮތުން، ތިބޭފުޅުން ރާއްޖޭގެ ގާނޫނީ ނިޒާމް ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، ވަކި ގައުމެއްގެ ޕާސްޕޯޓު ނުވަތަ ވަކި ގައުމެއްގެ ރައްޔިތުކަން ހޯލްޑް ކުރާ ޕާސްޕޯޓު ނުވަތަ އެ ރައްޔިތުން ސީދާ ރާއްޖެއަށް އެތެރެވުން މަނާކުރުމަކީ އެއީ، ގާނޫނުގެ ތެރެއިން ކުރެވޭ ކަމެއް." އޭނަ ވިދާޅުވި އެވެ.
އެހެންވެ ފިރުޒުލް ވިދާޅުވީ އެކަން ކުރެވެން އޮތީ މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
"ގާނޫނީ ގޮތުން އަޅުގަނޑުމެން މިކަމުގައި އެޑްރެސް ކުރަން ޖެހޭ ކަންކަން ހުރިކަން މިހާތަނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ މިކަމުގައި ވަށައިގެން ހުރި ކަންކަމާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ކުރިއަށް ހުރި މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަންނަމުން މަސައްކަތް ކުރެވެމުން އެބަދޭ."
އިޒްރޭލް މީހުން ރާއްޖެ އައުން މަނާކުރެވޭނީ ހާރިޖީ ސިޔާސަތަށް އެފަދަ ބަދަކެއް ގެނެސްގެން ކަމަށްވާތީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިދިޔަ މަހު 15 ގައި އެގޮތަށް ލަފާދޭން ފާސްކޮށްފައިވެ އެވެ.