Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަވީނާގެ އާ ސީރީޒަކީ "ކަރްމާ ކޯލިން"

ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ އާ ސީރީޒް "ކަރްމާ ކޯލިން" އަންނަ މަހުގެ 26 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައި، އޭގެ ޓީޒާއެއް ވެސް ދައްކާލައިފި އެވެ.

މި ސީރީޒަކީ އޭބީސީ ނެޓްވޯކުން ގެނެސްދިން އެމެރިކާގެ މަގުބޫލު ސީރީޒް "ރިވެންޖް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. ހިންދީ ސީރީޒް ޑައިރެކްޓްކުރީ ރުޗީ ނަރައިން އެވެ.

"ރިވެންޖް" އަކީ ހަތަރު ސީޒަނަކަށް 2011.2015 އަށް ގެނެސްދިން ސީރީޒެކެވެ. އެގޮތުން އޭގެ 89 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

އާ ސީރީޒަކުން ރަވީނާ، 51، ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ކުރިން ވެސް ވެބް ސީރީޒެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2021 ގައި ނެޓްފްލިކްސް އިން ގެނެސްދިން ކްރައިމް ތުރިލާ "އަރަނިއަކް" އެވެ.

ރަވީނާ އަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދި އެއް ބަތަލާ އެވެ. އޭނަގެ ރަންޒަމާނުގައި ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ކުޅުނެވެ. މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖުލައިގައި ޖިއޯ ސިނެމާ އިން ގެނެސްދިން "ވަން ފްރައިޑޭ ނައިޓް" އެވެ. ރަވީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގުޅްޗާޅީ" އާއި "ޕަތުނާ ޝުކްލާ" ހިމެނެ އެވެ.