އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ގާޒާގައި އަސީރުންގެ ގޮތުގައި ތިބި އިޒްރޭލުގެ ތިން މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އިޒްރޭލާއި ހަމާސް ޖަމާއަތުން ހަމަލާތައް އެންމެ ބޮޑަށް މިހާރު ބަދަލުކުރަމުން އަންނަ ގާޒާގެ އުތުރުގެ ސަރަހައްދެއްގަ އެވެ. އެ ތިން މީހުންނަކީ ހަމާސްގެ ބެލުމުގައި ދަށުގައި އަސީރުންގެ ގޮތުގައި ތިއްބާ ފިލައިގެން ދާން އުޅުނު މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އެ ތިން މީހުންނަށް ހަމަލާ ދެވުނީ އެއީ ނުރައްކަލެއް އޮތް ބައެއް ކަމަށް ބެލެވިގެން ކަމަށާއި މިއީ އަސްކަރިއްޔާ އަށް ހެދުނު ގޯހެއް ކަމަށެވެ. މި ހާދިސާ ހިނގި ގޮތް ވަގުތުން މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާ އިން ބުނެ އެވެ.
އެ ތިން މީހުންގެ ހަށިގަނޑު މިހާރު ވަނީ އިޒްރޭލަށް އަނބުރާ ގެންގޮސްފަ އެވެ.
ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި އިޒްރޭލުގެ 100 އަށް ވުރެ ގިނަ މީހުން މިވަގުތު ތިބިއިރު، ހަނގުރާމަ މެދުކަނޑާލި މުއްދަތުގައި ހަމާސް އިން ވަނީ ބައެއް އަސީރުން ދޫކޮށްލާފަ އެވެ. ނަމަވެސް އިޒްރޭލުން އަލުން ހަނގުރާމަ ފަށާފައިވާއިރު ހަމާސް އިން ވަނީ އަސީރުންގެ ގޮތުގައި ތިބި އެއްވެސް މީހަކު ދެން ދޫކޮށްލާނީ އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމުން ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 18،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.