އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސް އަށް ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިއަކު ޝަހީދުވެއްޖެ އެވެ.
މި ހަމަލާގައި ޝަހީދުވީ ސަމީރު އަބޫދަގާ އެވެ. އޭނާ ޝަހީދުވީ ހާން ޔޫނިސްގެ ފަރްހަނާ ސްކޫލަށް އިޒްރޭލުން ދިން ހަމަލާއެއްގަ އެވެ. އެވަގުތު އަބޫދަގާއާއެކު އެ ސަރަހައްދުގައި ޑިއުޓީގައި ހުރި އަލްޖަޒީރާގެ އިތުރު ނޫސްވެރިއެއް ކަމަށްވާ ވާއިލް ދަހްދޫހަށް ވެސް އަނިޔާވެފައިވެ އެވެ. އޭނާ އަށް އަންނަނީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.
އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން މެދުކެނޑުމެއް ނެތި އެ ސަރަހައްދަށް ދެމުންދިޔަ ހަމަލާތަކާ ގުޅިގެން ސިއްހީ ފަރުވާދޭ ފަރާތްތަކަށް އަބޫދަގާއާ ހަމައަށް އައުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. ސިއްހީ ފަރުވާ ނުލިބި ގިނައިރުތަކެއް ވުމުން އަބޫދަގާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފޭބި ކަމަށާއި ސިއްހީ ފަރުވާދޭ ތަނަކަށް ގެންދެވުނުއިރު ވެސް އޭނާ އޮތީ ސީރިއަސް ހާލަތެއްގައި ކަމަށްވެސް އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވެ އެވެ.
އަލްޖަޒީރާއާ 2004 ވަނަ އަހަރު ގުޅުނު އަބޫދަގާ އަކީ ކެމެރާމަނެއްގެ އިތުރުން އެޑިޓަރެއްގެ މަގާމު އަދާކުރަމުންދިޔަ ފަރާތެކެވެ. އޭނާ ޝަހީދުވިއިރު ދުނިޔޭގައި ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު އެބަތިބި އެވެ.
އިޒްރޭލުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު ވަނީ 90 އަށް ވުރެ މައްޗަށް އަރާފަ އެވެ.