ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައު ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ހެދުން ލަސް ވެސް ވެއްޖެ ކަމަށާއި އެކަމަކު އާ ސަރުކާރުން އެފަދަ ފިޔަވަޅެއް އެޅީތީ އުފާކުރައްވާ ކަމަށް ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.
ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް އިއްޔެ ހެދުމާ ގުޅިގެން ނިޝާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ މިއީ ދާއިމީކޮށް ނިންމި ނިންމުމެއް ކަމަށްވާ ނަމަ، ވަރަށް ވެސް އުފާވެރި އަދި ހީވެސް ނުކުރާ ފަދަ ގިނަގުނަ ފައިދާތަކެއް މުޖުތަމައަށް ކުރާނެ ހެޔޮ ނިންމުމެއް ކަމަށެވެ.
"އިސްލާމީ ގައުމެއްގައި މިފަދަ ނިންމުމެއް ނިންމުން މިހާރު ވެސް މާ ބޮޑަށް ލަސްވެއްޖެ." އޭނަ ވިދާޅުވި އެވެ.
ޝެއިހް ވިދާޅުވީ އެ ނިންމުމުގެ ސަބަބުން އެތައް ބަޔަކު ނުބައި ފާހިޝް ޢަމަލުތަކެއްގެ ވަބާއިން ސަލާމަތްކުރެވި، އެތައް ބައެއްގެ އީމާންތެރިކަން ބަލިކަށިވެ ގެއްލިގެން ދިޔަ ނުދީ ސަލާމަތްކޮށް ދެވުނީ ކަމަށެވެ.
"އެތައް ޢާއިލާތަކެއް ރޫޅުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ނައްތާލެވުނީ. ވިޔާނުދާ މަންޒަރުތައް ބެލުމުގެ ސަބަބުން ކުރިމަތިވާ އެތައް ގިނަގުނަ މައްސަލަތަކާއި ޖިންސީ ބަލިކަށިކަމުން، ހާއްސަކޮށް ޒުވާން ޅަ ޖީލުގެ ބޮޑުބައެއް ސަލާމަތްކޮށްދީ، ދުޅަހެޔޮ ޒަވާޖީ ހަޔާތަކަށް މަގުފަހިކޮށް ދެވުނީ." ނިޝާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިކަމަކީ ރާއްޖޭގައި ލާދީނީ ފިކުރުތަކުގެ މީހުން، އިންތިހާ އަށް ރުޅި އައިސް، ދެކޮޅު ހަދާނޭ ނިންމުމެއްކަން ކަށަވަރު ކަމަށެވެ.
"އެހެނެއްކަމަކު، މުއުމިނުތަކުން، ޚާއްޞަކޮށް މި ފާޙިޝް ނުބައި ވަބާއިން ސަލާމަތްވާން ބޭނުންވާ އެތައް މުސްލިމުންނެއް އުފާކުރާނޭ ނިންމުމެއް."
ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހެދީ ސަރުކާރުން އަންގައިގެންނެވެ.
ރާއްޖެ އަކީ އެއްވެސް ހުރަހަރެއް ނެތި ބަރަހަނާ ސައިޓްތަކަށް އެކްސެސްވުމުގެ ދޮރު މިހާތަނަށް ވަރަށް ބޮޑަށް ހުޅުވިފައި އޮތް ގައުމެކެވެ. މީގެ ސަބަބުން ފޯނޮގްރަފަރީ އަށް އެތައް ބަޔަކު ހުށަހެޅިފައިވެ އެވެ. މީގެ ތެރޭގައި އެކި އުމުރުގެ މީހުން ހިމެނެ އެވެ.