ޑާކް ރެއިން އެންޓަޓައިންމަންޓުން ދެން އެންމެ އަވަހަށް ޝޫޓިން ފަށަން އޮތް ފިލްމު "އަވަ" އަށް ތައްޔާރުވާން ފަށައިފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކާސްޓް ވެސް އިއުލާކޮށްފައިވާ މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށް ޑާކް ރެއިނުން އިއްޔެ ބުންޏެވެ. "އަވަ" އަކީ އެކީ އެ ސްޓޫޑިއޯ އިން އޮކްޓޯބަރު މަހު އިއުލާންކުރި ހަ ޕްރޮޖެކްޓްގެ ތެރެއިން އެއް ފިލްމެވެ.
މީގެ ޑައިރެކްޓަރަކީ ޕީއެސްއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝަހުދާ މަމްދޫހެވެ. ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޝަހުދާ ޑާކް ރެއިންނަށް ފީޗާ ފިލްމެއް ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، އެ ސްޓޫޑިއޯ އިން ބައިސްކޯފާ ގުޅިގެން ހަދަމުން އަންނަ "ޑާކް ރެއިން ކްރޮނިކަލްސް" ސީޒަން ދޭއްގެ އެޕިސޯޑްތަކެއް ވެސް އޭނަ ލިޔެ، ޑައިރެކްޓްކޮށްފައިވެ އެވެ.
ޝަހުދާ ލިޔެ، ޑައިރެކްޓްކުރާ "އަވަ" ގެ ކާސްޓުންނަކީ އޭނަގެ ފިރިމީހާ ޝަރަފު އަބްދުﷲ އާއި އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިންގެ "ނޮވެމްބާ" ގެ ބަތަލާ މަރިޔަމް މަޖުދާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) ހިމެނެ އެވެ.
ހޮރޯ-ކޮމެޑީ ޖޯންރާގެ "އަވަ" އާ އެކީ ޑާކް ރެއިނުން އިއުލާންކުރި އާ ޕްރޮޖެކްޓްތަކުގެ ތެރޭގައި "އަލިފާން"، "ފެށުމާއި ނިމުން"، "ލައިފް ސަޅި"، "ލޭ" އަދި "ވާރޭ" ހިމެނެ އެވެ.