އަންނަ އަހަރުގެ ފުރަތަމަ ފިލްމިގެ ގޮތުގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ "މީ އިޝްގް" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.
އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލު ކުޅެފައިވާ މި ލޯބީގެ ފިލްމުގެ ޓައިޓްލް ލަވަ ކިޔާފައި ވަނީ މާއިން އާއި އައްޔު އެވެ. ލަވައިގެ މިއުޒިކް ހެދީ ޝަހީދު ލެގަސީ އެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާކުރަން ނިންމާފައިވާ "މީ އިޝްގް" އަކީ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އޭނަގެ ފުރަތަމަ ފީޗާ ފިލްމެވެ. ދިވެހި ފިލްމު ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އައިމިނަތު ރަޝީދާ (އައިންތު) އާއި މުހައްމަދު ރަޝީދު (ދަރާ) އަދި މިހާރު ވަރަށް ފާހަގަކޮށްލެވޭ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ އަހުމަދު ޝާރިފު ވެސް ހިމެނެ އެވެ.
އަޒްހާނަކީ ވެބް ސީރީޒްތައް ކަމަށްވާ "މިރާއީ" އާއި "ދަރަކަ" ގެނެސްދިން ޑައިރެކްޓަރެވެ.
އޭނަގެ އަލަތު ފީޗާ ފިލްމުން އަންނަ އަހަރުގެ ފިލްމީ ކަލަންޑަރު ފަށާ އިރު، މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ ޑާކް ރެއިން އެންޓައިންމަންޓްގެ ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. މިއީ މި އަހަރު ސިނަމާ އަށް ގެނައި 9 ވަނަ ފިލްމެވެ.