ބޮލީވުޑްގެ މަޝްހޫރު ދެމަފަރިން ކަމަށްވާ އަބީޝެކް ބައްޗަނާއި އައިޝްވާރިއާ ރާއީ މިހާރު ދިރިއުޅެމުން އަންނަނީ ވަކިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ދެ ތަރިން ވަރިފަށަށް އެރި ވާހަކަ މި ފަހުން މީޑިއާތަކުގައި އަންނަނީ ބޮޑަށް ދެކެވެމުންނެވެ. މީގެ ކުރިން ވެސް މިފަދަ އަޑުތަކެއް ވަރަށް ގަދައަށް އަރާފައިިވެ އެވެ. އަނެއްކޮޅުން އަބީޝެކްގެ ބައްޕަ އަމީތާބް ބައްޗަނާއި ދައްތަ ޝްވެތޭ ބައްޗަން މިހާރު އިންސްޓަގްރާމުން އައިޝްވާރިއާ ފޮލޯކުރުން ހުއްޓާލާފައިވާ އިރު، މައިދައިތަ ޖަޔާ ބައްޗަން އެއްވެސް ވަރަކަށް ޅީދަރިއާ ވާހަކަ ނުދައްކާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އައިޝްވާރިއާ މިހާރު ދިރިއުޅެމުން އަންނަނީ ދަރިފުޅު އަރާދިއާ ބައްޗަނާ އެކީ މަންމަގެ ގާތުގައި އާއިލީ ގޭގައި ކަމަށެވެ. އަބީޝެކް އުޅެމުން އަންނަނީ ކުރިން ވެސް އަންހެނުންނާއި ދަރިފުޅާ އެކު އޭނަ އުޅެމުން އައި މައިންބަފައިންގެ، ޖަލްސާގެ އެޕާޓްމަންޓެއްގަ އެވެ.
އަބީޝެކާއި އައިޝްވާރިއާގެ މެދުގައި މި ފަހުން ގިނަ މައްސަލަތަކެއް ޖެހި، ވަކިން އުޅެމުން އައި ނަމަވެސް ދެ ތަރިން އެކީގައި ވަރަށް އާންމުކޮށް ފެ އެވެ. އެގޮތުން ރޭ ވެސް ދެ މީހުން އެކީގައި އިވެންޓަކުން ފެނިފައިވެ އެވެ. އެއީ އަރާދިއާ ކިޔަވަމުން އަންނަ ދިރުބާއީ އަމްބާނީ އިންޓަނޭޝަނަލް ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތްކުގެ ތެރެއިން ރޭ ބޭއްވި އިވެންޓުންނެވެ.
އެކަމަކު އެ އިވެންޓަށް ދެ މީހުން ދިޔައީ ވަކިވަކި ކާރުތަކެއްގަ އެވެ. ނަމަވެސް ދިޔައީ އެކީގަ އެވެ. އިވެންޓްގައި އަމީތާބާއި އައިޝްވާރިއާގެ މަންމަ ވެސް ބައިވެރިވި އެވެ.
މި މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ދި އާޗީސް" ގެ ޕްރީމިއާގައި ވެސް އަބީޝެކާއި އައިޝްވާރިއާ އެކީގައި ފެނިފައިވެ އެވެ. އެ ފިލްމަކީ އަބީޝެކަށް ބޮޑުބޭބެ ކިޔާ އަގަސްތިއާ ނަންދާ ފިލްމީ ދުނިޔެ އަށް ތައާރަފުވި ފިލްމެވެ. އޭގެ ޕްރީމިއާގައި އައިޝްވާރިއާ އަގަަތިސްއާ އަށް ނަރުހަބާ ކިޔައި ސަމާސާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާއިން ފެނިފައިވެ އެވެ.
މިފަދަ ކޮންމެ ފެނުމަކުން ވެސް ފާހަގަކުރެވޭ ކަމަކީ އައިޝްވާރިއާ އާއި އަބީޝެކާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމެވެ.
ނަމަވެސް ފަރުދާގެ ފުރަގަހުގައި "ވާނުވާ ނޭނގޭ ކަންތައްތަކެއް" ހިންގަމުންދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އަބީޝެކާއި އައިޝްވާރިއާ ކައިވެނުކުރީ 2007 ގަ އެވެ. އެ މީހުންގެ ދަރިފުޅަށް މިހާރު 11 އަހަރެވެ.