Last Updated: July 23, 17:52
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަވީ ވެސް "ކަންބަޅި" އާ ގުޅިއްޖެ

އައި ފިލްމްސް އިން މިހާރު ޝޫޓިން ކުރިއަށް ގެންދާ ބިރުވެރި ފިލްމު "ކަންބަޅި" ގެ ކާސްޓާ މަޝްހޫރު އެކްޓަރު ރަވީ ފާރޫގް ވެސް ގުޅިއްޖެ އެވެ.

މިއީ އެ ސްޓޫޑިއޯގެ ފީޗާ ފިލްމެއްގައި އޭނަ ހިއްސާވާ ދެވަނަ ފަހަރެވެ. އައި ފިލްމްސް އިން މި އަހަރު ގެނެސްދިން ކްރައިމް ތުރިލާ "ނީނާ" ގެ ހާއްސަ ފެނިލުމެއްގައި ރަވީ ހިމެނެ އެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ރަވީގެ މި ފަހުގެ ފިލްމުތަކުގެ ތެރޭގައި "ހިނދުކޮޅެއް"، "ފަރީ" އަދި "ވިޝްކާ" ފާހަގަކޮށްލެވެ އެވެ.

އަންނަ އަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން ހަމަޖެހިފައިވާ ރިވެންޖް ތުރިލާ "ފުރޭތަ" ގެ ރޯލަކުން ވެސް ރަވީ ފެންނާނެ އެވެ.

"ކަންބަޅި" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އޭނަ އާއި އެކްޓަރު އިފްނާޒް ފިރާގު ގުޅިގެން ޑައިރެކްޓްކުރާ އެއްޗެކެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމުގެ މި ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ)، ޝަރަފު އަބްދުﷲ، ވާޝިޔާ މުހައްމަދު، އިފްނާޒް، ތާތި، އިޝްފާން އަދި އަލީ ނަދީމު ހިމެނެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯފި 2019 ގެ "ބަވަތި" ގެނެސްދިން އިއްލެގެ ދެ ފިލްމެއް މި އަހަރު އޮލިމްޕަހުގައި އެޅުވި އެވެ. އެއީ "ނީނާ" ގެ އިތުރުން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.

"ކަންބަޅި" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.