Last Updated: July 23, 17:52
Thursday, July 23, 2026
މުނިފޫހިފިލުވުން

އައިޝްވާރިއާގެ ދަރިފުޅުގެ ވަރުގަދަ ހުށަހެޅުމެއް!

އިންޑިއާގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ދަރިފުޅު އާރަދިއާ ބައްޗަންގެ އެކްޓިން ހުނަރު ފެނިގެންދާ ވަރުގަދަ ހުށަހެޅުމަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އުމުރުން 11 އަހަރުގެ މި ކުއްޖާގެ މި ހުށަހެޅުމަކީ ކިޔަވަމުން އަންނަ ސްކޫލް، މުމްބާއީގެ ދިރުބާއީ އަމްބާނީ އިންޓަނޭޝަނަލް ސްކޫލްގެ އެނުއަލް ޑޭގެ ހަރަކާތްތަކުގެ ތެރެއިން ރޭ ދައްކައިލި ސްޓޭޖް ތަމްސީލެކެވެ. މި ތަމްސީލުގައި އާރަދިއާ ވަނީ އޭނަގެ ކިބައިގައި މަންމަ ފަދައިން އެކްޓްކުރުމުގެ ހުނަރު ވަރަށް ބޮޑަށް ހުރިކަން ދައްކުވައި ދީފަ އެވެ.

އިނގިރޭސި ބަހުން ހުށަހަޅައި ދިން އެ ތަމްސީލުގައި އާރަދިއާ ފެނުނީ ހޮލީވުޑްގެ ފިލްމު "މެގްނިފިޝަންޓް" ގައި އެންޖެލީނާ ޖޯލީ ކުޅުނު ކެރެކްޓާއާ ދާދި އެއްކަހަލަ ގޮތަކަށެވެ. ފާހަގަކޮށްލެވޭ ކަމަކީ "މެގްނިފިޝަންޓް" ގެ ސީކްއެލް 2019 ގެ "މެގްނިފިޝަންޓް: މިސްޓްރެސް އިވިލް" ގައި އިންޑިއާގައި ދެއްކި އިރު، ޖޯލީގެ ކެރެކްޓާ އަށް ހިންދީ ބަހުން އައިޝްވާރިއާ އަޑުއެޅިކަމެވެ.

ކޮންމެއަކަސް ސްޓޭޖް ތަމްސީލުގައި އާރަދިއާގެ ހުށަހެޅުން ފެނިގެން ދިޔައީ މޫނުމަތީގެ މޮޅެތި އެކްސްޕްރެޝަންތަކާ ވެސް އެކީގަ އެވެ. މި ހުށަހެޅުމާ އެކީ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މިޑިއާގައި ތައުރީފު ވެސް ކުރަމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި އާރަދިއާ ލުކުން ހަނދާނަށް ގެނުވައި ދިނީ 1999 ގެ ފިލްމު "ތާލް" ގައި އައިޝްވާރިއާ ފެނުނު ގޮތާ އެވެ.

ރޭގެ އެނުއަލް ޑޭގައި ޝާހްރުކް ޚާންގެ ހަގު ދަރިފުޅު އަބްރަމްގެ މޮޅު އެކްޓިން ވެސް ފެނިގެން ދިޔަ އެވެ. އަބްރަމްގެ ހުށަހެޅުމުގެ އެންމެ ބޮޑު ހައިލައިޓަކަށްވީ ބައްޕަގެ ސިގްނޭޗާ ހަރަކާތެއް ކަމަށްވާ ދެ އަތް ދެ ފަރާތަށް ސްޓައިލްގައި ފަތުރައިލުމެވެ.

ރޭގެ އިވެންޓުން ބަތަލާ ކަރީނާ ކަޕޫރްގެ ދޮށީ ދަރިފުޅު، ތައިމޫރްގެ ހުށަހެޅުމެއް ވެސް ފެނިގެން ދިޔަ އެވެ.

އެކަމަކު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އައިޝްވާރިގެ ދަރިފުޅަށެވެ. އާރަދިއާ މޮޅު ބަތަލާއަކަށް ވާނެ ކަމަށް ކަމަށް ގިނަ ބަޔަލު މިހާރު ގަބޫލުކުރެ އެވެ. ސަބަބަކީ އޭނަ ބައްޕަ އަބީޝެކް ބައްޗަންގެ ފަރާތު އާއިލާ އަކީ ވެސް އެކްޓަރުންގެ އާއިލާއަކަށްވުމެވެ. އޭގެ ތެރޭގައި ކާފަ، އަމީތާބް ބައްޗަނާއި މާމަ، ޖަޔާ ބައްޗަންގެ އިތުރުން މިހާރު އަލަށް އެކްޓިން ދުނިޔެ އަށް ނުކުތް އަގަސްތިއާ ނަންދާ ހިމެނެ އެވެ.

ތަރިންގެ ދަރިންތަކެއް ހުނަރު ރޭ ފެނިގެން ދިޔަ އިވެންޓްގައި އެ ކުދިންގެ މައިންބަފައިންނާއި އާއިލާގެ އެކި މީހުން ބައިވެރިވި އެވެ.