ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުގެ މީހުންގެ 19،000 އާ ގާތްކޮށްފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު 7 އިން ފެށިގެން ޔަހުދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ދުނިޔެއާ ވަކިވެގެން ދިޔަ ފަލަސްތީނުގެ މީހުންގެ ޖުމްލަ މިހާރު 18،897 އަށް އަރަ އެވެ.
މީގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އެގޮތުން މިހާތަނަށް 10،000 އަށް ވުރެ ކުދިންނާއި 6،200 އަށް ވުރެ ގިނަ އަންހެނުން ޝަހީދުވެފައިވެ އެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޒަހަމްވެގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 55،000 އަށް ވުރެ ގިނަ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހަމަޖެހުން ނަގާލައި އެ މީހުން މަގުމަތިކޮށްފައިވާ އިރު، ގިނަ އާއިލާތައް މިހާރު ތިބީ ބޯހިޔާވަހިކަން ގެއްލި، އެކި ތަންތަނުގަ އެވެ. ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 56،000 އަށް ވުރެ ގެދޮރު އެއްކޮށް ހަލާކޮށްފައިވާ އިރު، 224،000 ބޯހިޔާވަހި ކަމަށް އެކި ވަރުގެ ބޮޑެތި ގެއްލުން ވަނީ ދީފަ އެވެ.
ހަމަލާތައް ހުއްޓާ ނުލައި އިޒްރޭލުގެ އަނިޔާވެރިކަން ދައްކަމުންދާ އިރު، ފަލަސްތީނުގެ ރައްޔިތުން މިހާރު އަސާސީ ވަރަށް ގިނަ ހިދުމަތްތަކުން މަހުރޫވުމްވެފަ އެވެ. އޭގެ ތެރޭގައި ފެނާއި ކާބޯތަކެއްކާއި ކަރަންޓާއި ތެލާއި ބޭސްފަރުވާ ހިމެނެ އެވެ.