އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ގޯލު ޖަހައި ކްރިސްޓަލް ޕެލެސް އިން 2-2 އިން މެޗު އެއްވަރުކޮށްފި އެވެ.
ރޭގެ މެޗުން މޮޅުވެގެން ލީގު ތާވަލުގެ ކުރިއަށް ޖެހިލުމުގެ ފުރުސަތު ސިޓީ އަށް އޮތް ނަމަވެސް އެޓީމު މިހާރު އޮތީ 17 މެޗުން ލިބުނު 34 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 35 ޕޮއިންޓާ އެކު އެސްޓަންވިލާ އޮތްއިރު 36 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ލިވަޕޫލް އެވެ. އެއްވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.
މިއީ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ މޮޅެ ނުލިބި ސިޓީން ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ.
އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ސިޓީގެ ފޯވާޑް އާލިން ހާލަންޑް ކުޅެފައި ނުވާއިރު މެޗުގެ 24 ވަނަ މިނެޓްގައި ޖެކް ގްރީލިޝް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި ސިޓީގެ އުމުރުން 19 އަހަރުގެ ރިކޯ ލުވިސް އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މި މެޗުގައި ޕެލެސް އިން ޖެހި ފުރަތަމަ ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖިއާން ފިލިޕޭ މަޓޭޓާ އެވެ. މިއީ ޕެލެސް އިން މެޗުގައި ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން ކާމިޔާބުކުރި ގޯލެކެވެ.
އަދި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ޕެލެސް އަށް ނަތީޖާ އެއްވަރުކޮށްދިނީ މައިކަލް އޮލީސޭ އެވެ. މިއީ މަޓޭޓާ އަށް ސިޓީގެ ފިލް ފޮޑެން ކުރި ފައުލަކާ ގުޅިގެން ޕެލެސް އަށް ލިބުނު ޕެނަލްޓީއެކެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް 2-0 އިން ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 3-0 އިން ފުލަމް ބަލިކުރިއިރު އެވަޓަން އިން ވަނީ ރަށުން ބޭރުގައި ކުޅެ ބާންލީގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. މިއީ އެވަޓަން އިން ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.