Last Updated: May 17, 10:57
Friday, May 17, 2024
ކުޅިވަރު

ކެޕްޓަން ހޭނެތިގެން ވެއްޓުމުން މެޗު ހުއްޓާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން އާއި ބޯންމަތް ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ލޫޓަންގެ ކެޕްޓަން ޓޮމް ލޮކްޔާ ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން މެޗު ހުއްޓާލައިފި އެވެ.

ޓޮމް ،29، ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނީ މެޗުގެ 65 ވަނަ މިނެޓްގަ އެވެ. އޭރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ހޭނެތިގެން ޓޮމް ދަނޑު މައްޗަށް ވެއްޓުމާއެކު މެޑިކަލް ޓީމުން ވަނީ ދަނޑުމަތީގައި އޭނާ އަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ލޫޓަން އިން ނެރުނު ބަޔާނެއްގައި ބުނީ ދަނޑުމަތީގައި ފަރުވާ ދެމުންދިޔައިރު ޓޮމް ހޭ އަރާފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ލޫޓަން އިން ބުނެފައިވެ އެވެ.

މިދިޔަ މޭ މަހު ކުޅުނު އިނގިރޭސި ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި ލޫޓަން އިން ޕެނަލްޓީ ޖަހައިގެން 6-5 އިން ކޮވެންޓްރީ ސިޓީގެ މައްޗަށް ކުރި ހޯދި މެޗުގައި ވެސް ޓޮމް ވަނީ ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިފަ އެވެ. އޭގެފަހުން އޭނާ ހިތުގެ ސާޖަރީއެއް ވެސް ހަދާފައިވާއިރު އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ހުއްދަ ދިނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ޓޮމް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން ހުއްޓާލި މެޗު ފަހުގެ ތާރީހެއްގައި އަލުން ކުޅޭނެ އެވެ.