Last Updated: June 12, 20:40
Friday, June 12, 2026
ސިޔާސީ

"ވައުދުގެ ދަތުރު" އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

މި މަހުގެ 28 އިން އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް އެމްޑީޕީން ތިން އަތޮޅަކަށް ފަށާ "ވަޢުދުގެ ދަތުރު" ގެ ރެޖިސްޓްރޭޝަން މާދަމާ އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި، އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން މުލަކު (މ) އަތޮޅާއި، ކޮލުމަޑުލު (ތ) އަތޮޅާއި، ހައްދުންމަތި (ލ) އަތޮޅުގެ ހުރިހާ ރަށަކަށް ކުރާ މިދަތުރުގައި ބައިވެރިވާން ބޭނުން ފަރާތްތައް ރެޖިސްޓްރީކޮށް މަޢުލޫމާތު އެރުވުން އެމްޑީޕީގެ މައި ސެކްރެޓޭރިއަޓުން މާދަމާއިން ފެށިގެން ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށަކަށާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފަ އެވެ. މި ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތު މެނިފެސްޓޯ އެކުލަވާލާ އިރު ބޭނުން ކުރެވޭނޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.