ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް މުޅިން އަލަށް ބިރުވެރި ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ އޭނަގެ ފިރިމީހާ، އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ވިޝާލް ފޫރިއާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެއްޗެއް ކަމަށެވެ. ވިޝާލް އަކީ ބަތަލާ ނުޝްރަތު ބަރޫޗާ ކުޅުނު 2021 ގެ ބިރުވެރި ފިލްމު "ޗޯރީ" ގެ ޑައިރެކްޓަރެވެ. މީގެ ދެވަނަ ބައެއް ވެސް މިހާރު އަންނަނީ ހަދަމުންނެވެ.
މީޑިއާތަކުން ބުނީ ކާޖޮލްއާ އެކީ ވިޝާލް ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 49 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖޫންގައި ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް" އެވެ. އޭނަ މިހާރު އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑަށް ތައާރަފު ކުރަން ހަދަމުން އަންނަ "ސަރުޒަމީން" އާއި ބަތަލާ ކްރިތީ ސެނަން ޕްރޮޑިއުސްކުރާ "ދޯ ޕައްތީ" އެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި "ދަ ޓްރަޔަލް" ކިޔާ ވެބް ސީރީޒަކުން ވެސް ކާޖޮލް ފެނިފައިވެ އެވެ.