Last Updated: June 10, 10:27
Tuesday, June 10, 2025
މުނިފޫހިފިލުވުން

ދެ ކޮމީޑިއަނުންނަށް ލިބުނީ އަންހެން ކުއްޖެއް

އިންޑިއާގެ މަޝްހޫރު ދެ ކޮމީޑިއަނުން ކަމަށްވާ ސުގަންދާ މިޝްރާ އާއި ޑރ. ސަންކެތު ބޮސާލޭ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ސުގަންދާ ވިހެއީ އިއްޔެ އެވެ. އަދި ލިބުނީ އަންހެން ކުއްޖެއްކަން އޭނަ އާއި ފިރިމީހާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެކީގައި ކޮމެޑީ ޝޯތަކެއްގައި މަސައްކަތްކުރުމުގެ ތެރޭގައި ހިތާވި ދެ މި ކޮމީޑީއަނުން ކައިވެނިކުރީ 2021 ގަ އެވެ. އަދި ދަރިއަކު ލިބެން އުޅޭކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ސުގަންދާ، 35، އާއި ސަންކެތު، 35، މިހާތަނަށް ވަރަށް ގިނަ ކޮމެޑީ ޝޯތަކުގައި މަސައްކަތްކޮށްފައިވެ އެވެ. މި ދެ މީހުންނަކީ ކުރިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ހިމެނުނު ދެ ބައިވެރިންނެވެ. ހޯސްޓުންގެ ގޮތުގައި ވެސް މަސައްކަތްކުރާ ދެ ފަންނާނުންނަކީ ބޮލީވުޑްގެ ބައެއް ފަންނާނުން ވާހަކަ ދައްކާ ގޮތާއި ލަވަކިޔުންތެރިޔާ ލަވަކިޔާ ގޮތް ކޮޕީކުރާ މިމިކްރީ އާޓިސްޓުން ވެސް މެ އެވެ.

ސުގަންދާ އަކީ އިންޑިއާގެ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ އަޑުން ލަވަ ކިޔާ އަދި ބަތަލާ ކަންގަނާ ރަނާވަތު ވާހަކަ ދައްކާ ގޮތް ކޮޕީކޮށް ބެލުންތެރިން ހެއްވާލާފައިވާ ފަންނާކެކެވެ. ސަންކެތު ކޮޕީކުރާ ތަރިންގެ ތެރޭގައި ސަލްމާން ޚާނާއި ސަންޖޭ ދަތާއި ރަންބީރް ކަޕޫރާއި ފަރުހާން އަޚްތަރާއި ނަވާޒުދުއްދީން ސިއްދީގީގެ އިތުރުން ލަވަކިޔުންތެރިޔާ ސޯނޫ ނިގާމާއި ޅެންވެރިޔާ ޖާވިދު އަޚްތަރު ހިމެނެ އެވެ.