ރާއްޖޭގައި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ. މިއީ ރާއްޖޭގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. އެހެންވެ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މި ނިންމެވުމަކީ ވަރަށް "ގަޓް" ނިންމުމެއް ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ސިފަކުރައްވަ އެވެ.
ބައެއް ޝެއިހުން ވިދާޅުވި ގޮތުގައި އިޖުތިމާއި އެކި ކަހަލަ މައްސަލަތަކާއި ބަލިމަޑުކަމުގެ ތެރެއަށް އެތައް ބަޔަކު ހުށަހެޅުމަށް މަގުވެފައިވާ "ޕޯން" މަނާކުރުން ރާއްޖޭގައި މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. އެގޮތުން ޝެއިހް އާދަމް ނިޝާން ވިދާޅުވި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމަކީ އުފާކުރަން ޖެހޭ ކަމެކެވެ.
"ސައްތައިން ސައްތަ] އިސްލާމީ ގައުމެއްގައި މިފަދަ ނިންމުމެއް ނިންމުން މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ." އޭނަ ވިދާޅުވި އެވެ.
ޝެއިހް ނިޝާން ވިދާޅުވި ގޮތުގައި ރާއްޖޭގައި "ޕޯން" ބަންދުވެގެން ދިއުމަކީ އެތައް ގިނަގުނަ މައްސަލަތަކާއި ޖިންސީ ބަލިކަށިކަމުން، ޒުވާން ޅަ ޖީލުގެ ބޮޑު ބައެއް ސަލާމަތްކޮށް ދޭނެ ކަމެކެވެ.
"ކޮންމެއަކަސް މި ކަމަކީ ލާދީނީ ފިކުރުތަކުގެ މީހުން، އިންތިހާ އަށް ރުޅި އަންނާނޭ، ދެކޮޅު ހަދާނޭ ނިންމުމެއްކަން ކަށަވަރު، ވެ. އެހެނެއްކަމަކު، މުއުމިނުތަކުން، ޚާއްޞަކޮށް މި ފާޙިޝް ނުބައި ވަބާއިން ސަލާމަތްވާން ބޭނުންވާ އެތައް މުސްލިމުންނެއް އުފާކުރާނޭ ނިންމުމެއް." އޭނަ ވިދާޅުވި އެވެ.
ޝެއިހް އަލީ ޒައިދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ބަރަހަނާ ސައިޓްތައް ނުވަދެވޭ ގޮތަށް ހެދުމަކީ ރައީސް މުއިއްޒަކީ ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށް ދިން ކަމެކެވެ. ސަބަބަކީ މިކަމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް އަޅަން ކެރުނު ފިޔަވަޅަކަށް ނުވާތީ އެވެ. މީގެ ކުރިން ވެސް އެތައް ބަޔަކު ރާއްޖޭގައި ބަރަހަނާ ސައިޓްތައް ބްލޮކްކުރަން ގޮވާފައިވެ އެވެ.
އެކަމަކު އެ އަޑު އެހި ސަރުކާރެއް މި ނޫނީ ނެތެވެ. އެހެންވެ މުއިއްޒަކީ "ގަޓް" ރައީސެއްގެ ގޮތުގައި ސިފަކުރުމަކީ މައްސަލައެއް ވެސް ނޫނެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ވެސް ވަނީ ރޭ ވަރަށް ސާފު ޖަވާބެއް ވެސް ދެއްވައިފަ އެވެ. މި އަހަރުގެ ހުރަވީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވަނީ ބަރަހަނާ ސައިޓްތައް އެކްސެސްވުން ރާއްޖޭގައި އެއްކޮށް ހުއްޓުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން،" ރައީސް ވިދާޅުވި އެވެ. "މިހާރު އެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި. ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދު ހުތުރު ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށް ލެވޭނެ."
ރައީސް މުއިއްޒު ވިދާޅުވީ "ޕޯން" އާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން މަޖުބޫރު އެތައް ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެހެންވެ ވެރިއެއްގެ ގޮތުގައި އެ ޒިންމާ އަދާކުރައްވަން ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "ވެރިއެއްގެ ޒިންމާ އަކީ ރަނގަޅު ކަންކަަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމާ އެކު، ދެ ދުނިޔޭގެ ބާޖަވެރިކަން ހޯދޭނެ މަގު ފަހިކޮށް ދިނުން" ކަމަށެވެ. އެހެންވެ އެ މަނިކުފާނު މަސައްކަތް ކުރައްވާނީ އެ މަގުން ކަމަށާއި، ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހާ "އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު" ނައްތާލަން ގަދަ އަޅައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވާލެވިފައިވާ މައިދާނެއް ނަމަވެސް އެކަން ގާނޫނުން މަނާ ކުރާ ކަމަށެވެ. އަދި އެ މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހިންގެ ގާނޫނާއި ދީން ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށާއި ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، އެފަދަ މައިދާންތަކަށް ދެވިހިފުމަކީ ސިކުނޑީގެ ނިޒާމު ހަލާކުކޮށް، ލޮޑުކޮށް، އުފެއްދުންތެރިކަން މަރާލައި ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެސް މީހާ ގަރަގުކޮށްލާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މި ފަދަ އެތައް ސަބަބެއް އޮތީތީ، އިސްލާމް ދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި؛ އެއީ އިންސާނާ އާއި ގައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި "ޕޯން" ހުށަހެޅި، އެއަށް އެޑިޓްކޮށްވެފައިވާ މީހުން ވަރަށް ގިނަ އެވެ. މީގެ ތެރޭގައި އެކި އުމުރުގެ މީހުން ހިމެނެ އެވެ. ރާއްޖެ ނޫނީ އިންޓަނެޓާ އެކީ ބޭނުންހާ ތަނަކަށް ވަނުމުގެ ދޮރު ހައްދެއް ނެތް މިންވަރަށް ހުޅުވާލެވިފައި އޮތް ގައުމެއް ނެތެވެ. އެހެންވެ އިންޓަނެޓްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ އެވެ.
ކަމާބެހޭ އިދާރާތަކުން ދޭތެރެ ދޭތެރެ އާންމުކުރާ ސައިބަ ކްރައިމްގެ ކޭސްތަކުން ވެސް މިކަމް ވަރަށް ސާފެވެ. އެހެންވެ ރާއްޖޭގައި ބަރަހަނާ ސައިޓް ބްލޮކްކުރުމަކީ ބަލައިގަންނަން ޖެހޭ މުހިއްމު ފިޔަވަޅެކެވެ. އަދި މިއީ ރާއްޖޭގައި އިސްލާމީ ޝިއާރުތައް ފާޅުކުރުމާއި ހަރުދަނާ ދީންވެރިން ޖީލެއް ބިނާކުރަން މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ވެސް ލިބުނު ކުރިއެރުމަކަށް ވާނެ އެވެ.