Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ހަ އަހަރު ކުރިން ގެއްލުނު ކުއްޖަކު ފެނިއްޖެ

އާއިލާގެ ބަޔަކާ އެކީ މީގެ ހަ އަހަރު ކުރިން ސްޕެއިނަށް ކުރި ޗުއްޓީ ދަތުރެއްގެ ތެރޭގައި ގެއްލުނު އިނގިރޭސިވިލާތުގެ ކުއްޖަކު ފްރާންސުން ފެނިއްޖެ އެވެ.

ގެއްލުނު އިރު 11 އަހަރު އަދި މިހާރު 17 އަހަރުގެ އެލެކްސް ބެޓީ ފެނުނީ މިދިޔަ ބުރަ ދުވަހު ފްރާންސްގެ ފަރުބަދަމަތީ ހިސާބުގަނޑެއްގެ މަގުމަތިން ސައިކަލެއްގައި ދިޔަ މީހަކަށެވެ. އެ މީހާ އަށް އެ ކުއްޖާ ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ފްރާންސުން މިހާރު ވަނީ ކުއްޖާ އާއިލާގެ މީހުންގެ ގާތަށް އިނގިރޭސިވިލާތަށް ފޮނުވައިފަ އެވެ.

އެލެކްސް ގެއްލުނީ މަންމަ އާއި ކާފައާ އެކީ ސްޕެއިނަށް 2017 ގައި ކުރި ދަތުރުގަ އެވެ.

ނަމަވެސް އޭނަ ގެއްލުނުތާ ހަ އަހަރު ފަހުން ފެނުނު ނަމަވެސް، އެލެކްސް މިހާތަނަށް އުޅުނީ ސީދާ ކޮންތާކު، ކިހިނެއްކަން އަދި ސާފެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން ގްރޭޓަ މެންޗެސްޓާ ޕޮލިސް (ޖީއެމްޕީ) އިން ބުނީ އެލެކްސް އަށް ވީނުވީ ގޮތް ސާފުކުރަމުން އަންނަ ކަމަށާއި އޭނަ ގެއްލުނު ހާދިސާގައި ޖިނާއީ ތަހުގީގެއް ކުރަން ޖެހޭތޯ ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އެލެކްސް އިނގިރޭސިވިލާތަށް ގެންގޮސް އާއިލާގެ މީހުންނާ އިއްޔެ ހަވާލުކުރުމާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްގައި އެސިސްޓެންޓް ޗީފް ކޮންސްޓަބަލް މެޓް ބޯއިލް ވިދާޅުވީ އެލެކްސްގެ ފަރާތުން އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ސާފު ނުވާ ކަމަށެވެ.

"އެކަމަކު މިކަމުގެ ތަހުގީގު ކުރިއަށް ދާނެ." އޭނަ ވިދާޅުވި އެވެ.