Last Updated: July 15, 17:55
Wednesday, July 15, 2026
ޚަބަރު

ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް

ރާއްޖެއަށް ލިބޭ ހުރިހާ ހަައްޖު ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމީ ހައްޖަށް ދިއުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީވެފައިވާތީ ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ.

އަމިއްލަ ގްރޫޕްތަކުން މީހުން ހައްޖަށް ގެންދަން ނަގާ އަގު ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖެ އަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރު ރާއްޖެ 2،000 ހައްޖު ކޯޓާ ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ލިބުނީ 1،000 ކޯޓާ އެވެ.

ޝަހީމު ވިދާޅުވި ގޮތުގައި ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައޫދީ އަރަބިއްޔާގެ ވަފުދާ ވެސް ހިއްސާކުރެވި، މަޝްވަރާތަކެއް ކުރެވިފައިވެ އެވެ. އަދި ކޯޓާ އިތުރުވާނެކަމުގެ އުންމީދު ވެސް ބޮޑެވެ.