ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ ކުންފުންޏެއް އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އުފެއްދެވުމަށް ނިންމެވި މި ކުންފުންޏަކީ އެކުއަކަލްޗަރ، މެރިކަލްޗަރ ފަދަ ކަނޑުގެ ހުރިހާ ރިސޯސްތައް ހިމެނޭގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އުފައްދަވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށެވެ.
މި ކުންފުނިން ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަގުވާމީ މާރކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އައު މާރކެޓްތައް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް މުއިއްޒު މިއަދު ވަނީ މީގެ ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލެއްވުމަށްވެސް ނިންމަވާފަ އެވެ.
މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.