މޫނުގައި ބިހި ނަގާފައި ތިބޭ އަދި ހަންގަނޑު ރީތި ނޫން އަންހެނުންނަށް ސްރީ ލަންކަން އެއާލައިންސްގެ ކެބިން ކްރޫންގެ ގޮތުގައި ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް އެ ގައުމުގެ އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ކެބީންކްރޫންނަށް އަންހެން މުވައްޒަފުން ނަގާ އިރު، ހަންގަނޑު އޮމާން، ރީތި އަންހެނުންނަށް ފުރުސަތު ދޭން ގައުމީ އެއާލައިނަށް ލަފާ ވެސް ދީފައިވާ ކަމަށެވެ. އަދި އަންހެން ކެބިން ކްރޫންނަށް ނަގާ މީހުން ވާން ޖެހޭނީ ސާޅީ އަޅައިގެން ތިބޭ އިރު އުނަގަނަޑާއި ބަނޑާ ދިމާލުން އެއްވެސް ވަރަކަށް ސްޓްރެޗް މާކްސް ވެސް ނެތް މީހުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނިމާލު ވިދާޅުވީ ސްރީ ލަންކަން އެއާލައިންސަށް ކެބިން ކްރޫން ހޯދަން ދާދި ފަހުން އިންޓަވިއުއަކަށް ހުޅުވައިލުމުން 6،000 އަށް ވުރެ ގިނަ އަންހެނުން އިންޓަވިއު އަށް ލަންކާގެ އެކި ހިސާބުތަކުން ދިޔަ ކަމަށެވެ. ނަމަވެސް މި ފަހަރު ނަގަން ނިންމީ 106 ކެބިން ކްރޫން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަވިއު އަށް ދިޔަ ވަރަށް ގިނަ ބަޔަކު އެ މީހުންގެ ސިފަ އަށް ބަލައިފައި ރިޖެޓްކޮށްފައިވާތީ އެކަމުގެ ޝަކުވާއާ ހިފައިގެން ރޮމުން މިނިސްޓްރީ އަށް ދިޔަ އެވެ.
"އެހެންވީމަ ކެބިން ކްރޫންނަށް ވާން ބޭނުންވާ ޒުވާން އަންހެނުންނަށް ބުނެލަން ބޭނުން ވަނީ މީހާގެ ހަންގަނޑު ރީތިކޮށް ބަހައްޓަން އިސްކަން ދޭށޭ." އޭނަ ވިދާޅުވި އެވެ.