Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮން އަޅައިފި، 90 މަރު

ފަލަސްތީނުގެ ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއެއްގައި 90 މީހަކު ޝަހީދުވެއްޖެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާގައި 90 މީހުން ޝަހީދުވުމުގެ އިތުރުން 100 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު ގިނަ ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފަ އެވެ.

މި ހަމަލާގައި އަނިޔާވި މީހުން ވަގުތުން ކައިރި ހިސާބުތަކުގައި ހުރި ސިއްހީ ފަރުވާދޭ ތަންތަނަށް ގެންގޮސްފައިވާއިރު، އެ ތަންތަން މިހާރު ފުރި ބާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުން މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާތައް އަމާޒުކޮށްފައިވާއިރު، އިޒްރޭލުން އަންނަނީ ގެދޮރު ދޫކޮށް ގޮސްފައިވާ ފަލަސްތީނުގެ ގިނަ ބަޔަކު މިވަގުތު ތިބި ގާޒާގެ ހާން ޔޫނިސް އަދި ރަފާހް ސިޓީ އަށް ވެސް ހުއްޓުމެއް ނެތި ހަމަލާތައް އަމާޒުކުރަމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 19،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.