Last Updated: July 14, 13:49
Wednesday, July 15, 2026
ކުޅިވަރު

އާސެނަލް 1 އަށް، ޔުނައިޓެޑުން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން 2-0 އިން ބަލިކޮށް އާސެނަލުން ލީގުގެ އެއްވަނަ އަށް އަރާފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 17 މެޗުން ލިބުނު 39 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 38 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފަ އެވެ. ލިވަޕޫލަށް ކުރި ލިބެނީ ގޯލުގެ ތަފާތުން ކަމަށްވާއިރު ހަތަރުވަނައިގައި 34 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބްރައިޓަންގެ މައްޗަށް އާސެނަލުން ކުރި ހޯދި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ. ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އާސެނަލުން ތަނަވަސްކުރި މި މެޗުގައި އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ.

މިއީ ބަލި ނުވެ އާސެނަލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ނިންމާލި 13 ވަނަ މެޗެވެ. އޭގެތެރެއިން 11 މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ.

ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، މި މެޗަށް ޔުނައިޓެޑުން ނިކުތީ މުހިއްމު ގިނަ ކުޅުންތެރިންނާ ނުލަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެޓީމުގެ ޑިފެންޑަރު ހެރީ މެގުއާ އާއި ސަސްޕެންޝަނުގެ ސަބަބުން ބްރޫނޯ ފެނާންޑޭސް މި މެޗުގައި ކުޅެފައެއް ނުވެ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުގެ ގޯލަށް ލިވަޕޫލުން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއިރު އެ ހަމަލާތައް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި ހަތަރު ހަމަލާއަކާއި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ.

މި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑްގެ ޑިއޯގޯ ޑަލޮޓަށް ދެ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.