ރާއްޖޭގެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓައިންމަންޓްގެ އެންތޮލޮޖީ، "ކްރޮނިކަލްސް" ސީޒަން ދޭއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ބައިސްކޯފް މެދުވެރިކޮށް ގެނެސްދޭން ހަަޖެހިފައިވާ "ޑާކް ރެއިން ކްރޮނިކަލްސް ސީޒަން 2: ލަވް" އަންނަ މަހުގެ 1 ގައި ޕްރީމިއަކުރަން ޕްލޭންކޮށްފައިވާ އިރު، މީގެ ޓްރެއިލާ ބުދަ ދުވަހު އާންމުކުރާނެ އެވެ. އެކަން އިއުލާންކޮށް ޑާކް ރެއިނުން ވަނީ ސީޒަން ދޭއްގެ ޕޯސްޓަރެއް ވެސް މިއަދު ދައްކާލައިފި އެވެ.
ތަޖުރިބާކާރު، މަޝްހޫރު ބައެއް ތަރިންނާއި މިހާރު އަރަމުން އަންނަ ޒުވާން ތަރިންތަކެއް ވެސް ފެންނާނެ އަދި 8 ސެގްމަންޓް ހިމެނޭ "ޑާކް ރެއިން ކްރޮނިކަލްސް ސީޒަން 2: ލަވް" ގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ) އާއި އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދެވެ.
މީގެ ކާސްޓްގައި ޝީލާ ނަޖީބު، ރަވީ ފާރޫގް، މަރިޔަމް މަޖުދާ (މަޖޫ)، ޝަރަފު އަބްދުﷲ، ނުޒުހަތު ޝުއައިބް ނުޒޫ)، މުހައްމަދު ފައިސަލް، އަހުމަދު އީސަ (އާނަންދު)، އަހުމަދު ސައީދު، ރޯނު ހަސަން މަނިކު، އިބްރާހީމް ޝާކިރު ޝާއްކޮ (އައްމަޑޭ)، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާރިފް، ފާތުމަތު ޝަރާ، މަލީހާ ވަހީދު، މުހައްމަދު ވިޝާލް (ރޯމަން) އަދި އައިޝަތު ޔާދާ ފަދަ ތަރިން ހިމެނެ އެވެ.
ބައިސްކޯފަށް ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ރިވެންޖް ތުރިލާ ޖޯންރާގެ "ކްރޮނިކަލްސް" ގެ ފުރަތަމަ ސީޒަނަކީ ހަ ސެގްމަންޓްގެ އެއްޗެކެވެ. މުޅިން ވެސް ޗިއްޕެ ޑައިރެކްޓްކުރި ސެގްމަންޓްތަކަކީ "އައްސަލާމް އަކައިކުމް"، "ފުރޭތަ"، "ރަންކޮޅާ"، "ސަޕްރައިޒް"، "ޕާޓީ" އަދި "ނޮސްޓަލްޖިއާ" އެވެ.
ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ ޑާކް ރެއިނުން މިހާރު އަންނަނީ އޮލިމްޕަހުގައި އަސަރު ގަދަ ލޯބީގެ ފިލްމު "ނޮބެމްބާ" ދައްކަމުންނެވެ.