Last Updated: July 23, 17:52
Thursday, July 23, 2026
މުނިފޫހިފިލުވުން

ނޭހާ އަށް މިސްރުގެ ޑައިރެކްޓަރެއްގެ ފިލްމެއް

މިސްރުގެ މަޝްހޫރު ޑައިރެކްޓަރު އަލީ އަލް އަރާބީގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އިންޑިއާގެ ބަތަލާ ނޭހާ ދޫޕިއާ އަށް ލިބިއްޖެ އެވެ.

އުމުރުން 9 ގައި އަހަރު ބައްޕަކު ދޫކޮށްލާ ފިރިހެން ކުއްޖަކަށް ބިނާކޮށް ހަދާ މި ފިލްމަކީ "ބްލޫ 52" އެވެ. މިގެ ވާހަކަ ބިނާކޮށްފައި އޮތީ އިންޑިއާގެ ކޮޗީއަށާއި ގަތަރަށެވެ. އަލީ ކުރިން ގެނެސްދިން ޕްރޮޖެކްޓްތަކުގެ ތެރޭގައި މަގުބޫލު ޑޮކިއުމަންޓަރީ ފީޗާ ފިލްމު "ކެޕްޓަންސް އޮފް ޒަރްތާރީ" ހިމެނެ އެވެ.

އޭނަގެ ޕްރޮޖެކްޓެއްގައި މަަސައްކަތް ކުރަން ފުރުސަތު ލިބުމާ ގުޅިގެން ނޭހާ ބުނީ އަލަށް އިންޓަނޭޝަނަލް ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަލީގެ މަސައްކަތްތައް ވަރަށް ކަމުދާ ކަމަށް ނޭހާ ބުންޏެވެ.

"އެހެންވެ އަހަރެންގެ ފުރަތަމަ އިންޓަނޭޝަނަލް ޕްރޮޖެކްޓްގެ ގޮތުގައި އޭނައާ އެކީ މަސައްކަތްކުރަން ލިބުމަކީ ވަރަށް ވެސް ބޮޑު ހިތްހަމަޖެހުމެއް،" އެކްޓަރު އަންގަދު ބޭދީއާ ކައިވެނިކޮށްގެން ދެ ދަރިން ވެސް ތިބި ނޭހާ ބުންޏެވެ. "އަހަންނަށް ފުރުސަތެއް ދިނީތީ އަލީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން. މި ޕްރޮޖެކްޓަކި އަހަރެންގެ ހުނަރު އިތުރަށް ދައްކައިލަން ލިބޭ ޗެލެންޖެއްގެ ގޮތުގައި ދެކެނީ."

"މިސް އިންޑިއާ" ގެ ތާޖު 2002 ގައި ހޯދުމަށް ފަހު ލީޑިން ބަތަލާއެއްގެ ގޮތުގައި ނޭހާ، 43، ބޮލީވުޑަށް ނުކުތް ނަމަވެސް އޭނަ އަކީ މިހާރު ސަޕޯޓިން ރޯލުތައް ކުޅޭ ބަތަލާއެކެވެ. ނޭހާގެ ފުރަތަމަ ފިލްމަކީ އަޖޭ ދޭވްގަނާ އެކީ ކުޅުނު 2003 ގެ "ގަޔާމަތު: ސިޓީ އަންޑަ ތުރެޓް" އެވެ.

ނޭހާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "އާ ތާޒްޑޭ" އިންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ "މޭރޭ މެހެބޫބް މޭރޭ ސަނަމް" ގެ އިތުރުން މެންޓަލް ހެލްތަލަށް ބިނާކޮށް ހަދާ ފިލްމެއް ހިމެނެ އެވެ.