Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

ރަސްމާލެ ހިއްކަން ފަށައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ގެންނަން ފުށިދިއްގަރުފަޅު ތަރައްގީކުރާނީ ރަސްމާލޭގެ ނަމުގައި ކަމަށެވެ.

މަޝްރޫއު ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ގައުމީ ބޮޑެތި މައްސަލަތައް ނަގާފައި ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަން ހައްލުކުރަން ކަމަށާއި މިއަދު ފެށުނު މަޝްރޫއަކީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ސިޓީއަކީ ޒީރޯ-ކާބަން ސިޓީއަކަށް ހެދުމަކީ އަމާޒެއް ކަމަށާއި އަދި، އެ ތަން ތަރައްގީކުރާނީ 'މޯލްޑިވްސް އީކޯ ސިޓީގެ' ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން. އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ތަރައްޤީކުރުމުގެ މަސައްކަތް އާބަންކޯއާ ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ބިން ހިއްކުމުގެ ބައި ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާ އެވެ. މި މަޝްރޫއަށް ފައިސާ ހަމަޖައްސާފައިވާ ގޮތެއް ސަރުކާރަކުން ހާމައެއް ނުކުރެ އެވެ. މި މަޝްރޫއު އަށް ބަޖެޓުގައި ހިމަނަން ހުށަހެޅި 400 މިލިއަން ރުފިޔާ ވަނީ ބަޖެޓް ފާސްކުރިއިރު އުނިކޮށްފަ އެވެ.