މިދިޔަ އަހަރު ބޮލީވުޑަށް ނުކުތް 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރުގެ ފުރަތަމަ ތެލެގޫ ފިލްމު "އޮޕަރޭޝަން ވެލަންޓައިން" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
ހިންދީ ބަހުން ވެސް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު ވަރޫން ތޭޖް ބަތަލުގެ ރޯލު ކުޅެފައިވާ ވަތަނީ ފިލްމެކެވެ. "އޮޕަރޭޝަން ވެލަންޓައިން" ގައި މަނޫޝީ އާއި ވަރޫން ވެސް ކުޅެފައި ވަނީ ވައިގެ އަސްކަރިއްޔާގެ ޕައިލެޓުންގެ ރޯލެވެ. ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ހަދާފައިވާ ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ 16 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އިރު، މީގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަކްތީ ޕްރަތާބް ސިންގް ހާޑާ އެވެ.
މަނޫޝީ، 26، ގެ ފުރަތަމަ މި ފިލްމަކީ މިދިޔަ އަހަރުގެ ޖޫންގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ތާރީހީ ހަނގުރާމަ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" އެވެ. މިއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އުފެއްދުމެވެ. މަނޫޝީގެ ދެވަނަ ފިލްމަކީ އެ ސްޓޫޑިއޯ އިން މި އަހަރުގެ ސެޕްޓެމްބަރުގައި ގެނެސްދިން ކޮމެޑީ ޑްރާމާ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ.
އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޯން އަބްރަހަމްގެ "ތެހެރާން" އާއި އަކްޝޭ އާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ހިމެނެ އެވެ.