Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

މެމްބަރު ޝިފާއު އަށް މަރުގެ އިންޒާރު ދީފި

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެ މެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ އެންމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

ޝިފާއު އަށް މަރުގެ އިންޒާރު ދީފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ޝިފާއު ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

ޝިފާއު މިހެން ވިދާޅުވިއިރު އެމްޑީޕީގެ މެންބަރުން އެކަނި ވޯޓު ދީގެންވެސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވެރިކަމުން އަޒުލު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.

މި އިސްލާހު މަޖިލިސް ތަޅުމުން ފާސްވުމުން އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.