އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ގަތަރުން ކުރިއަށްގެންދާ ފަންޑްރެއިޒިން ހަރަކާތަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ 27 މިލިއަން ޑޮލަރު ހަދިޔާކުރައްވައިފި އެވެ.
ގަތަރުގެ ގައުމީ ދުވަހާ ގުޅުވައިގެން އިއްޔެ ފެށި މި ފަންޑްރެއިޒިން ހަރަކާތް ކުރިއަށް ގެންދަނީ ގަތަރުގެ ޗެރިޓީ ކަންތައްތަކާ ބެހޭ އިދާރާ އާއި ގަތަރުގެ ރެޑް ކްރެސެންޓް އަދި ގަތަރު ޓީވީ ގުޅިގެންނެވެ.
މި ހަރަކާތަށް ގަތަރު އަމީރު 27 މިލިއަން ޑޮލަރު ހަދިޔާކުރެއްވިއިރު އިއްޔެ އެކަނި މި ހަރަކާތަށް 54 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ފައިސާގެ އިތުރުން ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އަންނައުނާއި އަސާސީ ބައެއް ތަކެތި ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
މި ހަރަކާތުން ލިބޭ ފައިސާ އިން ގާޒާގައި ހާލުގައި ޖެހިފައިވާ 100،000 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 19،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.