ޗައިނާގެ ގަންސޫ ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ރޭ ދަންވަރު 5.9 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިހާތަނަށް 111 މީހުން މަރުވެފައިވާއިރު 200 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވެފައިވާއިރު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރޭ ދަންވަރުން ފެށިގެން ރެސްކިއު ޓީމުތަކުން ކުރަމުންދާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. ބިންހެލުމާއެކު ގަންސޫ ޕްރޮވިންސުގެ ބައެއް ހިސާބުތަކުން ކަރަންޓް ގޮސްފައިވާއިރު ދަތުރުފަތުރުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރާފަ އެވެ.
މި ބިންހެލުމުގެ އަސަރު ކައިރި އެހެން ޕްރޮވިންސަތަކަށް ވެސް ކޮށްފައިވެ އެވެ. އެގޮތުން ބިންހެލުމުގެ އަސަރުކޮށްގެން ގިންހައި ޕްރޮވިންސުން 11 މީހަކު ވަނީ މަރުވެފަ އެވެ.
ބިންހެލުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތާއި އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމަށް އަންގަވާފަ އެވެ.