Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ސީސީ ތިން ވަނަ ދައުރެއް ވެސް ހޯދައިފި

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވެރިކަމުގެ ތިން ދައުރެއް ވެސް ކާމިޔާބުކޮށްފި އެވެ.

މި މަހުގެ 10-12 އަށް ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓްލީ މީހުންގެ 89.6 ޕަސެންޓް ވޯޓް ސީސީ ހޯއްދަވާފައިވާ ކަމަށް މިސްރުގެ ނެޝަނަލް އިިލެކްޝަންސް އޮތޯރިޓީ (އެންއީއޭ) އިން ބުންޏެވެ. އިންތިހާބުގައި 39 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓް ލާފައިވެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ސީސީއާ އެންމެ ވާދަކުރެއްވީ ރިޕަބްލިކަންސް ޕީޕަލްސް ޕާޓީ (އާރްޕީޕީ) ގެ ކެންޑިޑޭޓް ހާޒިމް އުމަރަށް ލިބިވަޑައިގަތީ އެންމެ 4.5 ޕަސެންޓް ވޯޓެވެ.

ސީސީ މިސްރުގެ ރައީސްކަމަށް ވަޑައިގެންނެވީ 2014 ގަ އެވެ. އޭގެ ފަހުން 2018 ގައި އަލުން އިންތިހާބުވެވަޑައިގަތެވެ. އުމުރުން 68 އަހަރުގެ ސީސީ އަކީ މިސްރުގެ ޑެޕިއުޓީ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ، އެ ގައުމުގައި ސިޔާސީ ގޮތުން މިހާރު ހުންނެވި އެންމެ ނުފޫޒު ގަދަ ބޭފުޅާ އެވެ.

މިސްރުގެ އިންތިހާބުގައި މި ފަހަރު ސީސީއާ އެކީ ޖުމްލަ ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ.