Last Updated: July 23, 17:52
Thursday, July 23, 2026
މުނިފޫހިފިލުވުން

ވިކީ އަކީ ވަރަށް މޮޅު އެކްޓަރެއް: ޝާހްރުކް

ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި މިހާތަނަށް އެކީގައި މަސައްކަތްކޮށްލެވުނު އެންމެ މޮޅު އެކަކީ ވެސް އެއީ ކަމަށް ޝާހްރުކް ޚާމް ބުނެފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ސިނަމާތަކަށް ދޫކޮށްލާ އޭނަގެ އާ ފިލްމު "ޑަންކީ" ގެ ޕްރޮމޯޝަންގެ ތެރެއިން ދުބާއީގައި އިއްޔެ ރޭ ބޭއްވި ޕްރޮމޯޝަނަލް އިވެންޓެއްގައި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިކީ އަށް ވަރަށް ބޮޑަށް ޝާހްރުކް ތައުރީފުކުރި އެވެ.

"އޭނަ އަކީ ވަރަށް ގާތް އެކުވެރިއެއް ވެސް މެ. އަދި މިހާތަނަށް އަހަންނަށް އެކީގައި މަސައްކަތްކުރެވުނު އެންމެ މޮޅު އެއް އެކްޓަރަކީ ވެސް ވިކީ،" އޭނަަ ބުންޏެވެ. "އަނެއްކާ ޑަންކީގެ މަސައްކަތުގެ ތެރެއިން އޭނަގެ ފަރާތުން ގިނަ ވަރަށް އެއްޗެހި ދަސް ވެސް ވި."

ޝާހްރުކް ބުނީ "ޑަންކީ" ގައި ވިކީ ކުޅެފައިވާ ސަޕޯޓިން ރޯލަކީ ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ކަމަށާއި އެ ރޯލުން އޭނަ ބެލުންތެރިންގެ ހިތްތައް އަތުލާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"ފިލްމު ބަލާލީމަ އަހަރެން މި ބުނާ އެއްޗެއް އެނގޭނެ." އޭނަ ބުންޏެވެ.

"ޑަންކ" އަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެއްގައި ވިކީ ސަޕޯޓިން ރޯލެއް ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ރަންބީރް ކަޕޫރް ބަތަލުގެ ރޯލު ކުޅުނު 2018 ގެ "ސަންޖޫ" އެވެ. އޭގައި ވިކީ ކުޅުނީ ރަންބީރްގެ ބެސްޓްފްރެންޑްގެ ރޯލެވެ.

ވިކީ އަށް ޝާހްރުކް ތައުރީފުކުރި އިރު، ހުނަރުވެރި އެކްޓަރުގެ އަންހެނުން، މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފާ އެކީ ޝާހްރުކް ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2018 ގެ "ޒީރޯ" އާއި 2012 ގެ "ޖަބް ތަކް ހެ ޖާން" އެވެ.

ދެހާސް ނަވާރައިގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އިން އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ހޯދި ވިކީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރް" އެވެ. "ޑަންކީ" އަކީ މި އަހަރު ރިލީޒްވާ އޭނަގެ ހަތަރު ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި ޖޫންގައި ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.

ވިކީ މިހާރު އަންނަނީ "ޗާވާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ލޯބީގެ ފިލްމު "މޭރޭ މެހެބޫބް މޭރޭ ސަނަމް" ހިމެނެ އެވެ.

"ޑަންކީ" އަކީ މި އަހަރު ރިލީޒްވާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. އޭނަގެ "ޕަތާން" އާއި "ޖަވާން" އަކީ މި އަހަރުގެ އެންމެ ބޮޑެތި ބްލޮކްބަސްޓާތަކެވެ.