ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހާއްސަކުރި ހައްޖު އަޅުކަމުގެ ޖާގަތަކަށް އަލުން ހުޅުވާލައިފި އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ އަލުން ޖާގަ އަށް ހުޅުވާލާފައިވާތީ މިހާރު އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 31 ގެ މެންދުރު ފަހު 2:00 އާ ހަމައަށް އޮންނާނެ ކަމަށެވެ. ކުރިން އެ ފުރުސަތަށް ހުޅުވައިލީ މިދިޔަ މަހުގެ 12 ގަ އެވެ. އޭރު ދިން ސުންގަޑި ހަމަވެފައި ވަނީ އެ މަހުގެ 24 އަށެވެ.
ހައްޖު ކޯޕަރޭޝަން ބަލި މީހުންގެ ހާއްސަ ޖާގަތަކަށް އަލުން ހުޅުވައިލަން ނިންމީ އަންނަ އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާ އެއްކޮށް އެ ކުންފުންޏަށް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށެވެ. އެގޮތުން ޙައްޖު ކޯޓާގެ 5 ޕަސެންޓް ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން، ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ އަދި ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިި ނުވާ މީހުންނަށް ހާއްސަކޮށްފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އަލުން ފުރުސަތު ހުޅުވައިލި ނަމަވެސް ކުރިން ދިން ސުންގަޑީގައި ހުށަހެޅި މީހުން އަލުން ނަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު 50 މީހަކު ހައްޖަށް ގެންދަން ވެސް ނިންމާފައިވެ އެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އަދި މި އަހަރު ލިބޭ ކޯޓާ އިތުރުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައިވެ އެވެ.