ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ.
އެތަނުން މިއަދު ނެރުނު ފަތުވާގައި ބުނެފައި ވަނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދަ އަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެއީ އާދަތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އާދަތަކުގެ އަސްލަކީ ހުއްދަވުން ކަމަށް ފަތުވާގައި ބުންޏެވެ.
"އެހެންކަމުން ބަޔާންކުރެވުނު މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމްކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމަށް." ފަތުވާގައި ބުންޏެވެ.
މިފަދަ ފަތުވާއެއް ނެރުނު އިރު ގައުމިއްޔަތަށް ލޯބި ޖެއްސުމުގެ ގޕތުން ސްކޫލުތަކުގެ ކިޔެވުން އަންނަ މަހުން ފެށިގެބް ގައުމީ ސަލާމުން ފަށާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ކެބިނެޓުން އެގޮތަށް ނިންމީ މި މަހުގެ 5 ގަ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ގައުމީ ސަލާން ކިޔުން ލާޒިމު ކުރުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.