ހެދުން އެޅުމުގެ އިސްލާމީ މިންގަނޑެއް އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަލަފްގެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މުޖްތަމަޢެއްގައި ހެދުން އެޅުމުގެ އިސްލާމީ މިންގަނޑެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ބޭނުންނުވާ ބަޔަކުވެސް ތިބެދާނެ ކަމަށާއި ނަމަވެސް މެޖޯރިޓީ ބޭނުންވަނީ އިސްލާމީ ވެށި ޤާއިމްކޮށްފައި ބޭއްވުމަށް ކަމަށް ވިދާޅުވި އެވެ.
"ލާދީނީ އަދި ޖިންސީގޮތުން ފިޠުރަތު ކިލަނބުވެފައިވާ ފިކުރަކީ ފަސާދައެކެވެ،" އޭނާ ވިދާޅުވި އެވެ.
ސަލަފްގެ ރައީސް މިހެން ވިދާޅުވެފައިވަނީ އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފަށް ހެދުންއަޅައިގެން މުޖުތަމައުގެ ތެރޭގައި އަންނަ އަހަރުގެ މާޗު މަހުން ފެށިގެން އުޅުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅަން ސަރުކާރުން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވަމުންދިޔަ ޕޯސްޓަކާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އޭގެ ބޭނުމަކީ ސަރުކާރު ބަދުނާމުކުރުން ކަމަށެވެ. ނަމަވެސް ސަރުކާރު ދާނީ ޚިދުމަތައިގެން ކުރިއަށް ކަމަށް ޝަހީބު ވިދާޅުވި އެވެ.