މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިއުލާންކޮށް، ޝޫޓިން ފެށި ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ކްރިތީ ސެނަންގެ ސަސްޕެންސް ތުރިލާ "ދޯ ޕައްތީ" ގެ ޝޫޓިން ނިންމާލައިފި އެވެ.
ނެޓްފްލިކްސްއާ ގުޅިގެން ހަދާ މި ފިލްމަކީ ކްރިތީގެ އަމިއްލަ ފިލްމު ކުންފުނި، ބްލޫ ބަޓަފްލައި ފިލްމްސް އާއި ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ކާތާ ފިކްޗާސް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. "ދޯ ޕައްތީ" ގެ ސްކްރީންޕްލޭ ވެސް ލިޔުނީ ކަނިކާ އެވެ.
ޝަޝަންކާ ޗަތުރަވެދީ ޑައިރެކްޓްކުރި ފިލްމު އަންނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
"ދޯ ޕައްތީ" ގެ ރޯލަކުން މަޝްހޫރު ޓީވީ އެކްޓަރު ޝަހީރު ޝައިހް ވެސް ފެންނާނެ އެވެ. އޭނަ އަކީ ސިލްސިލާތައް ކަމަށްވާ "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" އާއި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ އިތުރުން "ވޯ ތޯ ހޭ އަލްބޭލާ" ގެ ބަތަލެވެ.
ކާޖޮލް އާއި ކްރިތީ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 2015 ގެ "ދިލްވާލޭ" ގަ އެވެ. އެ ފިލްމުގެ ބަތަލުންނަކީ ޝާހްރުކް ޚާނާއި ވަރޫން ދަވަނެވެ.