Last Updated: May 19, 06:08
Sunday, May 19, 2024
ޚަބަރު

މޫސުމީ ބަދަލުތަކަށް ހައްލު ހޯދަން ރާއްޖެ ނަމޫނާ ދައްކާނެ

މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެހެން ގައުމުތަކަށް ރާއްޖެ އިން ނަމޫނާ ދައްކާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑަރޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓްގެ ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ރާއްޖެ ވަކާލާތުކުރަމުން އަންނަތާ އެތަށް އަހަރެއްވެފައިވާ އިރު، އޭގެން ނަތީޖާ ފެންނަން ފެށީ، 2015 ވަނަ އަހަރު ދުނިޔޭގެ އެތަށް ޤައުމެެއް އެއްބައިވެ، ޕެރިސްގައި އެކުލަވާލެވުނު މުޢާހަދާއަށް ފަހު ކަމަށެވެ. އަދި، އޭގެ އަށް އަހަރުފަހުން، ނިމިގެންދިޔަ ކޮޕް28 ސަމިޓްގައި ގްލޯބަލް ސްޓޮކްޓޭކަކަށް ޤައުމުތަކަށް އެއްބަސްވެވި، އެއަށް ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއިން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާގެ މިންވަރަކީ 0.0035 އިންސައްތަ ކަމަށެވެ. އެ އަދަދަކީ ކުޑަ އަދަދަކަށްވީ ނަމަވެސް، ރާއްޖެއިން މަސައްކަތް ކުރާނީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ބަޔަކަށްވުމަށް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިނިސްޓަރު ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

މިފަދަ މުހިއްމު މަސައްކަތްތައް ކުރިއަށްދާއިރު، ޑިޕްލޮމަސީ އާއި ވަކާލާތުކުރުމާއި، ތަރައްޤީވެފައިވާ ޤައުމުތަކުން ރާއްޖެފަދަ ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވެދިނުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑަރޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓަކީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑްކޮށްގެން ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ހިންގި މަޝްރޫއެކެވެ.