ޕެނަލްޓީގައި ނިއުކާސަލް ޔުނައިޓެޑް 4-2 އިން ބަލިކުރުމަށްފަހު އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުރުކޮށްފި އެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނިއުކާސަލުންނެވެ. ޗެލްސީގެ ޑިފެންޑަރު ބަޑިއަޝީލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ނިއުކާސަލަށް ކާމިޔާބުކޮށްދިނީ ކަލުމް ވިލްސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޗެލްސީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.
ދެވަނަ ހާފުގައި ޗެލްސީން ކުރިއަށް ޖެހިލައިގެން ނިއުކާސަލްގެ ފަހަތަށް ބާރުބޮޑު ކުރަމުންދިޔައިރު، ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ މިކައިލޯ މުޑްރިކް އެވެ. ދެވަނަ ހާފުގައި ކުޅެން އެރި މުޑްރިކް މި ގޯލު ކާމިޔާބު ކުރީ ނިއުކާސަލްގެ ޑިފެންޑަރު ކިއެރަން ޓްރިޕިއާ ހެދި ބޮޑު ގޯހަކުންނެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި ޖެހި ހަތަރު ޕެނަލްޓީ ވެސް ޗެލްސީން ކާމިޔާބު ކުރިއިރު ނިއުކާސަލަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ ޓްރިޕިއާ އާއި މެޓް ރިޗީ އެވެ. ޓްރިޕިއާ ފޮނުވާލި ޕެނަލްޓީ ބޭރަށް ދިޔައިރު ރިޗީ ފޮނުވާލި ޕެނަލްޓީ މަތަކުރީ ޗެލްސީގެ ކީޕަރު ޕެޓްރޮވިޗް އެވެ.
ސެމީގައި ޗެލްސީ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ނަގާ ގުރުއަތުލުމުންނެވެ. ޗެލްސީގެ އިތުރުން ދެން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވަނީ ފުލަމް އާއި މިޑްލްސްބަރާ އެވެ. ކުއާޓާގެ ފަހު މެޗުގައި މިރޭ ލިވަޕޫލުން ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނެ އެވެ.